ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ގަވާނިން ބޯޑުގެ މެމްބަރުންގެ މުސާރަ ބޮޑުކޮށް ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހުށަހެޅުމުން ބޯޑު މެމްބަރުންގެ މުސާރަ މި ވަގުތަށް ބޮޑުކޮށް ދެވެން ނެތް ކަމަށް މާލިއްޔަތު ކޮމެޓީން ނިންމައިފި އެވެ.

ކޮމެޓީގެ ބައްދަލުވުމަށް މިއަދު ހާޒިރުވި މެމްބަރުންގެ އަގުލަބިއްޔަތުން ފާސްކުރީ މި ވަގުތަށް ޕީއެސްއެމްގެ ބޯޑު މެމްބަރުންގެ މުސާރަ ބޮޑު ކޮށްދެވެން ނެތް ކަމަށް ބުނެ ޕީއެސްއެމްގެ ބޯޑު މެމްބަރުންނަށް ސިޓީއަކުން ޖަވާބު ދެއްވުމަށެވެ.

ޕީއެސްއެމްގެ ޗެއާމަން އިބްރާހިމް އުމަރު މަނިކު ސޮއި ކުރައްވައި މިދިޔަ މަހުގެ ދެވަނަ ދުވަހު މާލިއްޔަތު ކޮމެޓީއަށް ފޮނުވި ސިޓގައި ވިދާޅުވެފައި ވަނީ ޑިރެކްޓަރުންގެ ބޯޑުގައި ތިބެ އިތުރު އެހެން ވަޒީފާއެއް އަދާ ނުކުރެވޭތީ އެބޭފުޅުންގެ މުސާރަ ބޮޑު ކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އެ ސިޓީއާ ގުޅިގެން މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ވަނީ ޕީއެސްއެމް ބޯޑު މެމްބަރުންގެ މުސާރައާ ގުޅިގެން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައި އެވެ.

މަރަދޫ ދާއިރާގެ މެމްބަރު އިބުރާހިމް ޝަރީފު ވިދާޅުވީ ޕީއެސްއެމްގެ ގާނޫނުގައި ބޯޑު މެމްބަރުންނަށް އެހެން ވަޒީފާތައް އަދާ ކުރުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ.

ކުޅުދުށްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ ޕީއެސްއެމްގެ އިސް މެނޭޖުމަންޓުގައި ތިއްބެވި ތިން ބޭފުޅުން ނޫން ދެން ތިއްބެވި މެމްބަރުންނަށް އެހެން ވަޒީފާއެއް އަދާ ކުރުމުގެ ހުއްދަ ގާނޫނުން ދީފައިވާ ކަމަށެވެ.

"އިސް މެނޭޖުމަންޓުގައި ހަރަކާތްތެރިވާ ތިން ބޭފުޅުންނަށް ވެސް ލިބިވަޑައިގަންނަވާ އެބަ މިނިވަން މުއައްސަސާއެއްގެ އިސް ބޭފުޅުންނަށް ލިބިވަޑައިގަންނަވާ އެލަވަންސު ވެސް. ދެން ތިއްބެވި މެމްބަރުންނަށް މިހާރު އެ ލިބިވަޑައިގަންނަވަނީ އެހެން މުއައްސަސާތަކުގައި ވެސް ޕާޓު ޓައިމް މެމްބަރުންނަށް ލިބޭ މުސާރަ ވަރުގެ މުސާރައެއް،" ގަފޫރު ވިދާޅުވި އެވެ.

މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވިދާޅުވީ ގާނޫނުގައި ބަޔާންކޮށްފައިވާ އިސް މެނޭޖުމަންޓުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން އަނެއް ހަތަރު ފަރާތްތަކަކީ ޕާޓު ޓައިމް ފަރާތްތައް ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

"ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ބަލާ ނަމަ އެބޭފުޅުންނަށް ދެވިދާނެ ސިޓިން އެލަވަންސެއް. އެކަމަކު އަޅުގަނޑުމެން މީގެ ތިން މަސް ކުރިން އެބޭފުޅުންގެ އިނާޔަތްތައް ފާސްކުރި އިރު މި ފާސްކުރީ ވަކި ހާއްސަ އުޖޫރައެއް ދިނުމަށް. އެހެންވީމަ މަހަކު 10،000 ރުފިޔާ އެހެންތަނެއްގައި ވަޒީފާ އަދާ ކުރަމުން ލިބުމަކީ ކުޑަ އަދަދެއް ނޫން ކަން ނޭނގޭ،" ތާރިގު ވިދާޅުވި އެވެ.

ޕަބްލިކް ސާވިސް މީޑިއާގެ މެނޭޖިން ޑިރެކްޓަރުގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައި ވަނީ 25،000 ރުފިޔާ އެވެ. ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. އެހެން ކަމުން އެމްޑީ އަށް ޖުމްލަ 40،000 ރުފިޔާ މަހެއްގެ މައްޗަށް ލިބެ އެވެ.

ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މުސާރައިގެ ގޮތުގައި 24،000 ރުފިޔާ ކަނޑައަޅާފައިވާ އިރު ލިވިން އެލަވަންސްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 14،000 ރުފިޔާ އެވެ. ޖުމްލަ 38،000 ރުފިޔާ އެވެ.

ގަވާނިން ބޯޑުގެ ޗެއާޕާސަނާއި ވައިސް ޗެއާޕާސަންގެ މަގާމަކީ ޕާޓްޓައިމް މަގާމެއްގެ ގޮތުގައި ގާނޫނުގައި ވަނީ ކަނޑައަޅާފަ އެވެ. އެލަވަންސްގެ ގޮތުގައި ޗެއާޕާސަނަށް 15،000 ރުފިޔާ ދިނުމަށް ކަނޑައަޅާފައިވާ އިރު ވައިސް ޗެއާޕާސަނަށް ލިބެނީ 13،000 ރުފިޔާގެ އެލެވެންސެކެވެ.

ގަވާނިން ބޯޑުގެ މެމްބަރުންނަކީ ވެސް ޕާޓްޓައިމް ބަޔަކަށްވާ އިރު، އެބޭފުޅުންނަށް ދިނުމަށް މާލިއްޔަތު ކޮމެޓީން ކަނޑައަޅާފައި ވަނީ 10،000 ރުފިޔާ އެވެ.