ޓޯކިޔޯ : ޖަޕާނުގެ އިރުއުތުރު ކަނޑުގެ އައްސޭރިފަށަށް މިއަދު އައި ބާރުގަދަ ބިންހެލުމާއި އެއާއެކު ޖަޕާނުގެ އެކިސަރަޙައްދުތަކަށްއެރި ސުނާމީ ބޮޑެތި ބިޔަ ރާޅުތަކާ ގުޅިގެން އޮތަގާވާ ގައިހުންނަ ނިއުކްލިޔާ ސްޓޭޝަންގައި އަލިފާން ރޯވެއްޖެ ކަމަށް އެޤައުމުން ބުނެފިއެވެ.

ޖަޕާނުގެ ކިޔޮޑޯ ނޫސް އެޖެންސީންވަނީ މިއީ ވަރަށް ނުރައްކާތެރިކަމެއް ކަމަށް ސިފަކޮށްފައެވެ. އަލިފާނުގެ މިޙާދިޘާއާގުޅިގެން ނިއުކްލިޔަރ ރޭޑިއޭޝަން ލީކުވޭތޯ ބެލުމުގެ މަސައްކަތް ސައެންސްވެރިންނާއި އިންޖިނޭރުންގެ ޓީމަކުން ކުރަމުންގެންދާ ކަމަށާ އަލިފާންގަނޑު ނިއްވާލުމަށްވެސް ބޮޑެތި މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ޖަޕާނުގެ ސަރުކާރުން ބުނެއެވެ.

އޮތަގާވާ އަކީ ޖަޕާނުގެ އިރުއުތުރުގެ ސަރަހައްދެކެވެ. މިސަރަޙައްދުގައި ނިއުކްލިޔާ ދެ ރިއެކްޓަރ ހުރެއެވެ. ބިންހެލުން އައުމާއެކު ޖަޕާނުން ބުނެފައިވަނީ މި ދެ ރިއެކްޓަރަށްވެސް ގެއްލުމެއް ނުލިބޭ ކަމުގައެވެ.
ބިންހެލުމާއި ސުނާމީ އަށްފަހު ޖަޕާނުގެ އިރުއުތުރުގެ ސަރަޙައްދުތަކަށް ދަނީ ކުދިކުދި ހެލުންތައް އަންނަމުންނެވެ. އެހެންކަމުން އޮތަގާވާ ނިއުކްލިޔާ ސްޓޭޝަންގައި އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ނޭންގޭ ކަމަށް ޖަޕާނުގެ މަސްއޫލުވެރިން ވިދާޅުވެއެވެ.

ޖަޕާނަށް މިއަދު 8.9 ގެ ބާރުމިނުގައި އައި ބިންހެލުމަކީ ވޭތުވެދިޔަ 140 އަހަރު ތެރޭގައި އެޤައުމަށްއައި އެންމެ ބާރުގަދަ ބިންހެލުމެވެ. މިބިންހެލުމާއި އެއާއެކު އެރި ސުނާމީ ބޮޑު ރާޅުތަކާގުޅިގެން މުޅި ޖަޕާންވަނީ ހުއްޓުމަކަށް އައިސްފައެވެ.

މިބިންހެލުމާއި އެއާއެކު އައި ސުނާމީ ގައި އެތައްސަތޭކަ ބަޔަކު މަރުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. ޖަޕާނުގެ އެކިތަންތަނުގައި އަލިފާންރޯވެ ޢިމާރާތްތަކަށާއި އިންފްރާސްޓްރަކްޗަރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ޖަޕާނަކީ ވަރަށް ގިނައިން ބިންހެލުން އަންނަ ޤައުމެކެވެ. 1923 ގައި އެޤައުމަށް އައި ބިންހެލުމެއްގައި ދޮޅުލައްކައެއްހާ މީހުން މަރުވެފައިވެއެވެ. -- ކިޔޮޑޯ ނޫސް އެޖެންސީ