05 Aug 2015, 15:22
ވަރުގަދަ ހަނގުރާމައެއް ހިނގަމުންދާ ޔަމަނުގައި ހުރި ދިވެހި ދަރިވަރަކު ސަރުކާރުގެ އެހީތެރިކަމާ އެކު އަނބުރައި ރާއްޖެ ގެނެސްފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ އެ ދަރިވަރު އަނބުރައި ރާއްޖެ އަށް ގެނައީ އޭނާ އެކަމަށް އެދުމުން ކަމަށެވެ. އެގޮތުން އޭނާ އަނބުރައި ރާއްޖެ އަށް ގެނައުމަށް ސައުދީ އަރަބިއްޔާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ މުވައްޒަފަކު އޮމާނަށް ފޮނުވައި، އޮމާން މަގުން އެ ދަރިވަރު ރާއްޖެއަށް ގެނައުމުގެ ކަންތައްތައް ހަމަޖެއްސި ކަމަށް މިނިސްޓްރީން ބުންޏެވެ.
ދިވެހި ދަރިވަރު ރާއްޖެއަށް އައިސްފައި ވަނީ އިއްޔެ ކަމަށް ވެސް ބުންޏެވެ.
ޔަމަނަށް ވެރިވެގަނެގެން އުޅޭ، އީރާނުގެ މަދަދު ލިބިފައިވާ ޙޫސީ ޓެރަރިސްޓް ޖަމާއަތާއި އެގައުމުގެ ރައީސް ޢަބުދުލް މަންސޫރު ހާދީއަށް ވަފާތެރި ސިފައިންނާއި ހަނގުރާމަވެރި ބައެއް އެހެން ޖަމާއަތްތަކާ ދެމެދު ވަރުގަދަ ހަނގުރާމައެއް ދަނީ ހިނގަމުންނެވެ. އަދި ހޫސީންނާ ދެކޮޅަށް ސައުދީ އަރަބިއްޔާ އިން ވަނީ ގިނަ ދުވަސްތަކެއް ވަންދެން ވަރުގަދަ ވައިގެ ހަމަލާތަކެއް އެގައުމަށް ވަނީ ދީފަ އެވެ. އެކަންތައްތަކާ ހެދި ޔަމަނުގެ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ޔުނައިޓެޑް ނޭޝަންސް ( ޔޫއެން) އިން ކުރިން ވަނީ ބުނެފަ އެވެ.
ޔަމަނުގައި ތިބި ދިވެހި ކިޔަވާ ކުދިންގެ ތެރެއިން ގިނަ ކުދިން އިންޑިއާ ސަރުކާރުގެ އެހީގައި ކުރިން ވަނީ އަނބުރައި ރާއްޖެއަށް ގެނެސްފަ އެވެ.