05 Aug 2015, 14:02
އިންޑިއާގެ ދިއްލީ ޕޮލިސީ ގްރޫޕުން ބާއްވާ ވަށް މޭޒު ޖަލްސާއެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ރާއްޖޭގެ ފޮރިން ސެކްރެޓަރީ ޑރ. ޢަލީ ނަސީރު އެގައުމަށް ވަޑައިގެންފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ ފޮރިން ސެކްރެޓަރީ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންނެވީ ރާއްޖެއާ އިންޑިއާއި ދެގައުމުގެ ގުޅުމާ ބެހޭ ގޮތުން ދިއްލީ ޕޮލިސީ ގްރޫޕުން ބާއްވާ ވަށްމޭޒު މަޝްވަރާތަކެއްގައި ބައިވެރިވަޑައިގެންނެވުމަށް ކަމަށެވެ. ފޮރިން ސެކްރެޓަރީގެ ދަތުރުފުޅުގައި ޑރ. ޢަލީ ނަސީރު އިންޑިއާގެ ފޮރިން ސެކްރެޓަރީ ސުބްރަމާނިއަމް ޖަޔަޝަންކަރާ ވެސް ބައްދަލުކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ދިއްލީ ޕޮލިސީ ގްރޫޕަކީ އިންޑިއާގެ ސަލަމާތާއި ރައްކާތެރިކަމާއި ހާރިޖީ ސިޔާސަތާއި ހަމަނުޖެހުންތައް ފަދަ ކަންކަމާއި މެދު ދިރާސާތައް ކުރާ މިނިވަން މުއައްސަސާއެކެވެ. އިންޑިއާގެ ފުރަތަމަ ތިންކް ޓޭންކްގެ ގޮތުގައި 1994 ވަނަ އަހަރު އުފެއްދި އެ މުއައްސަސާއިން ކަންކަމާއި މެދު މިހާތަނަށް ފާޅުކޮށްފައިވާ ގިނަ ހިޔާލުތަކަށް އިންޑިއާގެ ސަރުކާރުތަކުން އިޖާބަދީފައި ވެއެވެ. އަދި އިންޑިއާގެ ސަރުކާރުތަކުންނާއި މިނިވަން މުއައްސަސާތަކުން ދިރާސާކޮށް ގޮތް ކަނޑައަޅަން ބޭނުންވާ ކަންތައްތައް އާއްމުކޮށް ހަވާލުކުރަނީ އެ މުއައްސަސާއާއެވެ.
ރާއްޖޭގެ ފޮރިން ސެކްރެޓަރީ އިންޑިއާއަށް ދަތުރުފުޅެއް މި ކުރައްވަނީ އެގައުމުގެ ފޮރިން ސެކްރެޓަރީ މިހަފުތާގައި ރާއްޖެއަށް ދަތުރުފުޅެއް ކުރައްވާފައި ވަނިކޮށެވެ.