05 Aug 2015, 13:54
ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ބޯޑަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނަންފުޅުތަކުގެ ތެރެއިން ފަސް ބޭފުޅަކު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މީރާގެ ބޯޑަށް މަޖިލީހުން ފާސްކޮށްފައިވާ ބޭފުޅުންނަކީ:
- އަހުމަދު ފާއިޒު މުހައްމަދު
- ހަސަން ވަހީދު
- އައިޝަތު އަޝާ އަލީ
- ފަސީހު ޒާހިރު
- ލީނާ މުހައްމަދު ޒާހިރު ހުސައިން
މި ފަސް ބޭފުޅުންގެ ނަންތައް މަޖިލީހުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަގުލައްބިއްޔަތުން ނެވެ.
މީރާގެ ބޯޑަށް އައްޔަން ކުރެއްވުމަށް މަޖިލީހަށް ރައީސް އަބްދުﷲ ޔާމީން ހުށަހަޅުއްވާފައި ވަނީ ހަ ބޭފުޅުންގެ ނަންފުޅެވެ. އެ ހަ ބޭފުޅުންގެ ނަންފުޅު ދިރާސާކޮށް އެބޭފުޅުންނާ އިންޓަވިއު ކުރެއްވީ އިއްޔެ ބޭއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ބައްދަލުވުމުގަ އެވެ.
އިންޓަވިއު ކުރެއްވި ފަރާތްތަކުގެ ތެރެއިން ކޮމެޓީން 75 ޕަސެންޓަށް ވުރެއް މަތީން މާކުސް ލިބިވަޑައިގަތްފައި ވަނީ ހަތަރު ފަރާތަކަށެވެ. އެ ހަތަރު ބޭފުޅުންނަކީ އަހުމަދު ފާއިޒު މުހައްމަދާއި ހަސަން ވަހީދާއި ފަސީހު ޒާހިރުގެ އިތުރުން އައިޝަތު އަޝާ އަލީ އެވެ. ލީނާ މުހައްމަދު ޒާހިރު ހުސައިންގެ ނަންފުޅު މަޖިލީހުން ފާސްވި ނަމަވެސް އޭނާ އަށް ކޮމެޓީން ލިބުނީ 75 ޕަސެންޓަށް ވުރެއް ދަށުން ނެވެ.
މީރާގެ ބޯޑުގައި މިހާރު ތިއްބަވަނީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހަންމަދާއި ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރާއި ޗެއާޕާސަން އަހުމަދު މުހައްމަދާއި ޑެޕިއުޓީ ޗެއާޕާސަން ހަސަން ވަހީދާއި ޑިރެކްޓަރު އައިޝަތު ލޫލާ ހަސަނާއި ޑިރެކްޓަރު ހުސެއިން ސިރާޖް އަދި ޑިރެކްޓަރު އަހުމަދު ފާއިޒެވެ.