ޖަޕާނަށް މިއަދު އައި ބާރުގަދަ ބިން ހެލުމާ ގުޅިގެން އުފެދުނު ސުނާމީގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.

މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މިއަދު ރާއްޖެ ގަޑިން ހެނދުނު 10:15 ގައި ރެކްޓަ މިންގަޑުން 8.9 ގެ ބާރުމިނުގައި ޖަޕާނުގެ އައްސޭރި ފަށައް އައި ބިންހެލުމުގައި އުފެދުނު ސުނާމީގެ އިންޒާރު އިންޑިއާ ކަނޑަށް ދީފައި ނުވާކަމަށެވެ. އަދި ވިދާޅުވީ ރާއްޖެއާ އެންމެ ކައިރިން ސުނާމީގެ އަސަރު ކުރާނީ އިންޑޮނޭޝިޔާއަށް ކަމަށެވެ.

"އިންޑިޔާ ކަނޑުގެ އެއްވެސް ގައުމަކަށް ސުނާމީގެ އިންޒާރު ނެރެފައެއް ނެތް. އެހެންވެ ރާއްޖެ އަށް އެކަމުގެ އަސަރެއް ނުކުރާނެ،" އޮފިޝަލް ވިދާޅުވި އެވެ.

މެޓް އޮފީހުން އެހެން ބުނިއިރު ރާއްޖެ ގަނޑިން ހަވީރު 5:10 ގައި ވަނީ އިންޑޮނޭޝިޔާގެ އިރުއުތުރު ސަރަހައްދުތަކަށް ސުނާމީ އަރާފަ އެވެ. ނަމަވެސް ލިބުނު ގެއްލުންތަކެއް އަދި ވަނީ ސާފެއްނުވެ އެވެ.
ރަޝިޔާގެ އިރުމަތީ އައްސޭރިފަށާއި ޕެސިފިކްގެ އެތަށް ގައުމެއްގައި ވަނީ ސުނާމީގެ އިންޒާރު ނެރެފައެވެ. މީގެތެރޭގައި އިންޑޮނީޝިޔާ، މާކޮސް އައިލެންޑާއި ޓައިވާނާއި ފިލިޕީންސާއި އެމެރިކާގެ ހަވާއީ، އަދި ގުއާމް ޖަޒީރާތައް ވެސް ހިމެނެ އެވެ. އަދި ކުރިއަށް އޮތް ބައިގަޑިއެއް ހާއިރުތެރޭ ހަވާއީ ޖަޒީރާތަކަށް ސުނާމީ އަރާނެ ކަމަށް ސީއެންއެން އިން ބުނެ އެވެ.

ބިން ހެލުން އައިތާ މާގިނަ އިރެއް ނުވެ ޖަޕާނުގެ އެކި ސަރަހައްދުތަކަށް ވަނީ 13 ފޫޓުގެ އުސް ސުނާމީ އެއް އަރާފަ އެވެ. ސުނާމީގެ ސަބަބުން މިހާތަނަށް 44 މީހަކު މަރުވެ އެތައް ބައެއްވަނީ ވީނުވީއެއް ނޭންގި ގެއްލިފަ އެވެ. ސުނާމީގެ ސަބަބުން ޓޯކިޔޯ އާއި ޖަޕާނުގެ އެހެން ބައެއް ސަރަހައްދުތަށް ވަނީ ފެނުގެ އަޑީގަ އެވެ.

ދިވެހި ހާރިޖިއްޔާއިން ބުނެފައިވަނީ ޖަޕާނުގައި 24 ދިވެހި އާއިލާއަކުން ދިރިއުޅޭ ކަމަށެވެ. މި އައަދު އިތުރު ވެދާނެ ކަމަށްވެސް ހާރިޖިއްޔާއިން ބުނެ އެވެ. ނަމަވެސް އަދި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބުނުކަން އެގިފައި ނުވާކަމަށްވެސް ހާރިޖިއްޔާއިން ބުނެ އެވެ.

މިއީ އެންމެ ފަހުން ނިއުޒިލޭންޑުގެ ކުރައިސްޓް ޗާޗް އަށް އައި ބުންހެލުމަށް ވުރެ އެތައް ގުނައެއް ބާރުގަދަ ބިންހެލުމެކެވެ. މިއީ ފަހުގެ ތާރީހެއްގައި ޖަޕާނަށްވެސް އައި އެންމެ ބާރުގަދަ އެއް ބިންހެލުމެވެ.