05 Aug 2015, 12:05
އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގައި މިދިޔަ މާޗް މަހު މުޒާހަރާ ކުރި މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާގެ ހުކުމް އިއްވުން އަންނަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހަށް އަނެއްކާވެސް ފަސްކޮށްފި އެވެ.
ކުރިން އެ މައްސަލައިގެ ހުކުމް އިއްވަން ތަވާލްކޮށްފައި ވަނީ މާދަމާ އަށެވެ.
ނަމަވެސް މާދަމާއަށް އިއްވުމަށް ކުރިން ތާވަލު ކުރި އެ މައްސަލައިގެ ހުކުމް ލަސްކުރީ އަލަށް އެކުލަވާލި އާ ގާނޫނުލްއުގޫބާތަށް އަމަލުކުރަން ފެށުމާއި ގުޅިގެން އޭގެ ދަށުން އަދަބު ކަނޑައެޅުމަށް ކަމަށް އެނގިފައިވެ އެވެ.
ދައުވާ ލިބޭ މީހުންނާ ދެކޮޅަށް ދައުލަތުން ހުށަހެޅި 10 ހެކިންނާއި، ދިފާއީ ހެކިންގެ ގޮތުގައި ހުށަހެޅި ދެ ހެކިންގެ ހެކިބަސް ވެސް ވަނީ މީގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީސްތަކުގައި ނަގާފަ އެވެ.
ޝަރީއަތަށްފަހު ދައުވާ ލިބޭ މީހުން ރައީސް ނަޝީދުގެ ޕޯސްޓަރު ހިފައިގެން ޖަސްޓިސް ބިލްޑިންގްގެ ބޭރުގައި ---- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
ދައުވާ ލިބޭ 15 މީހުންގެ ތެރެއިން ކޯޓަށް ހާޒިރުކުރެވިފައި ނުވަނީ މ. ނިރޮޅު އާމިނަތު ޝާނީޒު ސައީދު އެކަންޏެވެ.
ޝަރީއަތަށް ހާޒިރުވި މީހުންނަކީ:
1. މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު، ޝިފާ މުހައްމަދު
2. ޏ. ފުވައްމުލައް، މިސްކިތްމަގު، ދޯނާޑު، ޒަހުރާ މޫސާ
3. މ. ނިވްހިލްމަން، ޝަމީމާ އާދަމްފުޅު
4. ހ. ވެޔޮވިލާ، ޝަފިއްއާ ޒުބައިރު
5. މއ. ނާރިނގުގޭ، މުހައްމަދު އިބްރާހީމް މަނިކު
6. ސ. ހުޅުދޫ ކަޅުމަގިގޭ، މަރިޔަމް ޒުބައިރު
7. ސ. ހިތަދޫ ޝެޑިއުލަސް، ޚަދީޖާ ޝާދިޔާ
8. މާލޭ ދަފްތަރު 5866 ފާތިމަތު ރަޝީދު
9. ހ. ޓިވެގާލައިޓް، ފަރީޝާ އަހްމަދު
10. މ. ތަންތާރަ، އާމިނަތު ޒިމްނާ
11. ގ. އާކާޝްވިލާ، އާމިނަތު ޒާހިރާ
12. ގ. ދުވާފަރު، އާއިޝަތު މަމްދޫހާ
13. މއ. ބީޗްހައުސް، އާމިނަތު ދުމައިނާ އިރުޝާދު
14. މ. ފެހިފަތް، ޔުމްނާ
އެމީހުންގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ މިދިޔަ މާޗު މަހުގެ ފަސް ވަނަ ދުވަހު އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލްގެ ޑިޕާޗާ ހޯލް ކުރިމައްޗަށް ރައީސް ނަޝީދުގެ ޕޯސްޓަރުތައް ހިފައިގެން އެއްވެ އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލާފައިވާތީ އެވެ.
އެމީހުންގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ ހަތް ވަނަ ނަންބަރާ ހަވާލާދީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.