ގއ. ގެމަނަފުށީ ސްކޫލްގެ ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ އިންޑިއާ ޓީޗަރު ފުރުވާލާފައިވާ ސަބަބު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީން މަސައްކަތް ފަށައިފި އެވެ.

މިއަދު ހެނދުނު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ކޮމެޓީގެ މުގައްރިރު ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ ސުކޫލު ކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ގެމަނަފުށީ ސްކޫލްގެ އިނގިރޭސި ޓީޗަރުގެ މައްސަލަ ނުނިމި ވަނިކޮށް އޭނާ ރާއްޖެއިން ފުރުވާލާފައި ކޮން ސަބަބަކާ ހެދިތޯ ސާފު ކުރަން ނިންމާފައިވާ ކަމަށެވެ.

ކޮމެޓީގެ ބައްދަލުވުމުގައި މިއަދު ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ދަފްތަރު އާންމު ކުރުމަށް ގާނޫނުގައި ބުނެފައިވީ ނަމަވެސް ދަފްތަރު އާންމު ނުކުރާތީ އެކަމާ ގުޅިގެން ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ހުށަހަޅާފައިވާ މައްސަލަ ދިރާސާކޮށް އެ މައްސަލައާ ގުޅިގެން މެމްބަރުންގެ މެދުގައި މަޝްވަރާ ކުރުމެވެ.

މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލާގައި ކަމާ ގުޅުން ހުރި ފަރާތްތަކާ ސުވާލު ކުރުމަށް ހުށަހަޅާފަ އެވެ.

ނަމަވެސް އެއްވެސް ހުށަހެޅުމަކަށް މިއަދުގެ ބައްދަލުވުގައި ވޯޓަކަށް ނާހަ އެވެ. މިއަދުގެ ކޮމެޓީ ބައްދަލުވުން ނިންމާލައްވަމުން ކޮމެޓީގެ މުގައްރިރު ރިޔާޒު ރަޝީދު ވިދާޅުވީ ކުޑަކުދިންނަށް ޖިންސާ ގޯނާ ކުރާ މީހުންގެ ދަފްތަރު އެކުލަވާލައިފައި ނުވާ ސަބަބު ލިޔުމުން ހޯއްދަވާނެ ކަމަށެވެ.

ސްކޫލް ކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ގއ. ގެމަނަފުށީ ސްކޫލްގެ އިނގިރޭސި ޓީޗަރު ފުރުވާލާފައިވާ ސަބަބު ހޯދުމަށް ކޮމެޓީން މަސައްކަތް ފަށާފައިވާއިރު އެ މީހާ ފުރުވާލައިފައި ވަނީ އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް ފުލުހުންނަށް އަންގާފައި ވަނިކޮށް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ވަނީ ބުނެފަ އެވެ.