05 Aug 2015, 11:31
ބޭސް ފަރުވާއަށް އިންޑިއާގެ ޓުރެވަންޑުރަމްއަށް ގޮސް އުޅުމުގެ ތެރެއިން ހަބަރެއް ނުވެގެން ހޯދަމުންދިޔަ ދެމަފިރިން އާއިލާއަށް ގުޅައި އެމީހުން ތިބި ތަނުގެ މައުލޫމާތު ދީފި އެވެ.
ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައި ވަނީ ގއ. ގެމަނަފުށީ، ޓޫމައި ފްރެންޑްސް ގޭ 72 އަހަރުގެ އަދުނާން ހަސަން އާއި 61 އަހަރުގެ ހަދީޖާ ހުސެއިންނެވެ. އެދެމަފިރިން ފެނުންކަން އެއާއިލާއިންނާއި ފޮރިން މިނިސްޓްރީއިން ވެސް ވަނީ ޔަގީން ކޮށްދީފަ އެވެ.
ގެމަނަފުށީ ކައުންސިލް މެމްބަރަކު އަދި އެދެމަފިރިންގެ ދަރިއެއް ކަމަށްވާ މުހައްމަދު ޝަހީދު މިއަދު ސަން އަށް ވިދާޅުވީ ގެއްލިގެން ހޯދަމުން ދަނިކޮށް އެދެމަފިރިން މިއަދު އާއިލާއަށް ގުޅާފައިވާ ކަމަށާއި އެދެމަފިރުންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
އެދެމަފިރިންނަށް އާއިލާއަށް ނުގުޅުނީ އެމީހުން ބޭނުންކުރި ސިމް ހަލާކުވުމުގެ ސަބަބުން ކަމަށާއި އިތުރު ހާދިސާއެއް ކުރިމަތި ނުވާ ކަމަށް ވިދާޅުވި އެވެ.
"ސިމެއް ނުލިބިގެން ނުގުޅި އޮތީ، ދެން ވަރަށް ބުރަކަޝޯ ކަންކަން ދިޔައީ، އެޖެންޓް މީހާގެވެސް އެއްބާރުލުމެއް ނުލިބުނު، އެހެންވެ އެމީހުން މިއަދު ފިހާރަ ހުޅުވީމަ ސިމެއް ހޯދައިގެން ގުޅީ." ޝަހީދު ވިދާޅުވި އެވެ.
އެދެމަފިރުން އަނބުރާ ރާއްޖެ އައުމަށް ނިންމާފައިވަނީ މިމަހު 13 ވަނަ ދުވަހު އެވެ.
އާއިލާ އިން މައުލޫމާތު ދޭ ގޮތުގައި އެދެމަފިރިންނަކީ މީގެ ކުރިން ވެސް 20 ވަރަކަށް ފަހަރު ބޭސްފަރުވާއަށް އިންޑިއާއަށް ގޮސްފައިވާ ދެ މީހުންނެވެ. މިފަހަރު ވެސް އެދެމަފިރިން ދިޔައީ އެކަންޏެވެ.