05 Aug 2015, 11:47
ތެހެރާން (އޮގަސްޓް 5): ސީރިޔާގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް އީރާނުން ހުށަހެޅި އައު ހުށަހެޅުމަށް ސޫރިޔާއިން ތާއީދުކޮށްފިއެވެ.
މިކަން ހާމަކުރައްވާފައި ވަނީ އީރާނަށް މިހާރު ވަޑައިގެން އުޅުއްވާ ސީރިޔާގެ ޚާރިޖީ ވަޒީރު ވަލީދް އަލްމުއައްލިމެވެ. މުޢައްލިމް މިމޭރުމުން ވާހަކަ ދައްކަވާފައިވަނީ އީރާނުގެ ޚާރިޖީ ވަޒީރު ޑރ. މުހައްމަދު ޖަވާދު ޒަރީފް އާ ބައްދަލުކުރައްވައި އީރާނުގެ ހުށަހެޅުން ދިރާސާކުރެއްވުމަށްފަހުގައެވެ. އަދި އީރާނަށް މިހާރު ވަޑައިގެންއުޅުއްވާ ރަޝިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު މިޚައިލް ބުގްޑެނޯވްވެސް ވަނީ އީރާނުގެ ހުށަހެޅުމާބެހޭގޮތުން އީރާނުގެ ޚާރިޖީ ވަޒީރާ އަދި ސީރިޔާގެ ޚާރިޖީ ވަޒީރާ މަޝްވަރާކުރައްވާފައެވެ.
ސީރިޔާގެ ދާޚިލީ ހަނގުރާމައިގާ އީރާނާއި ރަޝިޔާއިން ރައީސް ބައްޝާރުގެ ސަރުކާރަށް ވާގިވެރިވާއިރު ބައްޝާރުގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ޖަމާއަތްތަކަށް ވާގިވެރިވަނީ އެމެރިކާއާއި ޔޫރަޕްގެ އިތުރުން ގަލްފުގެ އަރަބި ގައުމުތަކެވެ. އީރާނުގެ ހުށަހެޅުމުގެ މައުލޫމާތު އެގައުމަށް ވަޑައިގެން އުޅުއްވާ ރަޝިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު އެމެރިކާއަށާއި ގަލްފުގެ ގައުތަކަށް ދެއްވާނެކަމަށް ރިޕޯޓްތައް ބުނެއެވެ.
އީރާނުގެ ހުށަހެޅުން ބިނާވެފައިވަނީ ހަމަލާތައް ހުއްޓާލުމާއި ސީރިޔާގެ ސަރަހައްދީ ރޮނގުތައް ކޮންޓްރޯލްކޮށް ބޭރުގެ ހަނގުރާމަ ވެރިންނަށް އެގައުމަށް ނުވަދެވޭނެ ގޮތްހެދުމާއި އިދިކޮޅު ހަނގުރާމަވެރިންނަށް ހަތިޔާރު ނުލިބޭނެގޮތް ހެދުމާއި ޙާލުގައިޖެހިފައިވާ ސީރިޔާގެ ރައްޔިތުންނަށް އިންސާނީއެހީ ފޯރުކޮށްދިނުމުގެ އިތުރުން ސީރިޔާގައި އިންތިގާލީ ސަރުކާރެއް އުފެއްދުމުގެ މައްޗަށެވެ. ސީރިޔާގެ ޚާރިޖީ ވަޒީރާއި ރަޝިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު ތެހެރާނަށް ވަޑައިގެންފައިމިވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީއާއި ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް އާއި ސައޫދީ ޚާރިޖީ ވަޒީރު އާދިލްއަލްޖުބައިރު ގަތަރުގައި މިދިޔަ ހޯމަދުވަހު ބޭއްވި ސީރިޔާއާބެހޭ މަޝްވަރާތަކަށް ފަހުގައެވެ.
ސީރިޔާގެ ދާޚިލީ ހަނގުރާމައަށް އަސްކަރީ ހައްލެއް ނުގެނެވޭނެކަމާއި ސިޔާސީ ޙައްލެއްގެ ތެރެއިން ނޫނީ އެގައުމުގެ ދާޚިލީ ހަނގުރާމަ ނުހުއްޓުވޭނެކަން ސީރިޔާގެ މައްސަލާގައި ޝާމިލްވާ ހުރިހާ ފަރާތްތަކަކުންވެސް މިހާރު ވަނީ ގަބޫލުކުރަން ފަށާފައެވެ. (އަލްޖަޒީރާ)