05 Aug 2015, 11:34
ސްޕެއިންގެ އެންމެ ވަރުގަދަ ކްލަބް ކަމަށްވާ ރިއާލް މެޑްރިޑުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބޮލުގައި އިސްތަށިގަނޑެއް ޖަހައި، ތުނބުޅިއެއް ހަރުކޮށް، މީހާ ފަލަކޮށް ދައްކާ ފަދަ ފޭރާމެއް ލައިގެން މެޑްރިޑްގެ މަގަމަތީގައި އެތައް ގަޑި އިރު ހޭދަކުރި އެވެ.
އޭނާ މޭކަޕް ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ކުރިން ވަނީ އިންޓަނެޓްގައި ލީކްވެފަ އެވެ. އެ މުޅި ވީޑިއޯ މިހާރު ވަނީ ޔޫޓިއުބްގައި އާންމުކޮށްފަ އެވެ. އެ ވީޑިއޯ އިން ފުރަތަމަ ފެންނަނީ ރޮނާލްޑޯ ސިފަ ބަދަލުކުރުމުގެ މޭކަޕް ކުރާ މަންޒަރެވެ. ދެން އެއަށް ފަހު ކުޑަކުޑަ ކުއްތާއަކާއި ބޯޅައެއް ހިފައިގެން ސުޕެއިންގެ ވެރިރަށް މެޑްރިޑްގެ މެދުތެރޭގައިވާ ކާރުބާރޫ ބޮޑު ސަރަހައްދެއްގައި އޭނާ މަޑުކުރާތަން ފެނެ އެވެ. އެތަނުގައިވާ ގޮނޑިއެއްގައި ކުއްތާ އައްސައިލުމަށް ފަހު އޭނާ އަށް ލިބިފައިވާ ފުޓްބޯޅައިގެ ހުނަރުތައް ދައްކަން ފަށައެވެ.
އޭނާ އެގޮތުގައި އެތައް ގަޑިއިރެއް ހޭދަ ކުރާ އިރު ކައިރިން އަޅާފައި މީހުންތައް އަޅައި ނުލާ ދާތަން ވީޑިއޯއިން ފެނެ އެވެ. ބޯޅަ ކުޅުމުގައި ބައިވެރި ވެލަން އޭނާ ބައެއް މީހުން ކައިރީ އެދެއެވެ. ނަމަވެސް އެކަމަށް އިޖާބަ ދޭ ތަން ފެންނަނީ މަދު މީހެކެވެ. އަދި އިޖާބަ ދިން މީހުން ވެސް ދެ ފަހަރަކު ބޯޅައިގައި ޖަހައިލުމަށް ފަހު ފެންނަނީ ދާ މަންޒަރެވެ.
އެންމެ ފަހުން ފެންނަނީ ރޮނާލްޑޯ އާއެކު ފުޓްބޯޅަ ކުޅުމުގައި ކުޑަކުއްޖަކު ރަނގަޅަށް ބައިވެރިވާ މަންޒަރެވެ. ކުޑަ އިރުކޮޅަކު ބޯޅަ ކުޅުމަށް ފަހު ރޮނާލްޑޯ އެ ކުއްޖާ އުރާލަ އެވެ. އެއަށް ފަހު ބޯޅަ ނަގައި އޭގައި ސޮއިކުރަން ފެށުމުން އެ ކުއްޖާ ފެންނަނީ ހައިރާން ކަމާއި އެކު ބަލަން ހުރި ތަނެވެ.
އެހިސާބުން ރޮނާލްޑޯ އޭނާގެ ފޭކް އިސްތަށިގަނޑު ނައްޓާލައި އޭނާގެ ސިފަ ފާޅުކޮށްލަ އެވެ. ކުރިން މީހުން އަޅައި ނުލައި ދިޔަ ނަމަވެސް އެ ހިސާބުން އޭނާގެ ކައިރިއަށް މީހުން ޖަމާވެ، ފޯނު ތަކުން ފޮޓޯތައް ނަގަން ފަށާތަން ވީޑިއޯގެ ނިމޭ ހިސާބުން ފެނެ އެވެ.