11 Mar 2011, 17:47
ޖަޕާނުގެ އިރު އުތުރު ސަރަޙައްދަށް މިއަދު އައި ބާރުގަދަ ބިންހެލުމާއި، އެ ބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީގައި، ގިނަ އަދަދެއްގެ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވެ، އަދި އިމާރާތްތަކަށާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ޖަޕާނުގެ ބޮޑުވަޒީރު ނައޯޓޯ ކާން އަށް ހަމްދަރުދީ ފޮނުއްވައިފިއެވެ.
ބޮޑުވަޒީރު ނައޯޓޯ ކާން އަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ހަމްދަރުދީގެ މެސެޖުގައި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ޖަޕާނު ސަރުކާރަށާއި، ރައްޔިތުންނަށާއި، ބޮޑުވަޒީރަށާއި އަދި މި ހާދިސާގައި ގެއްލުން ލިބުނު ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.
http://www.youtube.com/watch?v=NqlXsSEPAaw
ޖަޕާނުގެ ބޮޑުވަޒީރަށް ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހުސައިން މަނިކު ފޮނުއްވެވި ހަމްދަރުދީގެ މެސެޖުގައިވެސް، މި ބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީގައި ބޮޑެތި ގެއްލުންތަކެއް ލިބި، އެތައް ބަޔަކު މަރުވުމާ ގުޅިގެން ޖަޕާނުގެ ބޮޑުވަޒީރަށާއި، ސަރުކާރަށާއި، ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.