05 Aug 2015, 10:53
ދައުލަތުން އުފުލާފައިވާ ޓެރަރިޒަމް ދައުވާއާ ގުޅިގެން ފުލުހުންގެ ބަންދުގައި ހުރި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ދާދި ދެންމެ އަކު އަމުރު ކޮށްފައި ވަނީ ޝަރީއަތުން ވަކިގޮތެއް ނިމެން ދެން ޝެއިހް އިމްރާން ގޭ ބަންދުގައި ބެހެއްޓުމަށެވެ.
އޭނާ ގޭ ބަންދަށް ބަދަލުކޮށްފައި ވަނީ ފުލުހުންގެ ބަންދުގައި ހުންނަތާ 64 ދުވަސް ފަހުންނެވެ. އޭނަ ހައްޔަރު ކުރީ މިއަހަރުގެ ޖޫން މަހުގެ 2 ވަނަ ދުވަހު އެވެ.
މީގެ ކުރިން ޖޫން މަހުގެ 20 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައި އެވެ. އޭރު ގާޒީ ވިދާޅުވީ އެގޮތަށް ނިންމީ މައްސަލައިގެ ބާވަތަށާއި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ.
އިމްރާނުގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ މެއި 2015 ވަނަ ދުވަހު "އަނިޔާވެރިކަން ނިންމަން" މި ނަމުގައި މާލޭގައި ބޭއްވި މުޒާހަރާގައި އިމްރާން ވާހަކަދައްކަވަމުން އަނިޔާވެރިކަމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަދެއްކެވުމުން މުޒާހަރާގެ ބައިވެރީން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެ، އަމަން ބަލަހައްޓަން ތިބި ފަރާތްތަކަށާއި ރައްޔިތުންގެ މުދަލަށް ގެއްލުން ދީފައިވާ ކަމަށެވެ.
ނަމަވެސް އަނިޔާވެރި ކަމަށް ހިތްވަރުދޭގޮތަށް އިމްރާން ދައްކާފައިވާ ކަމަށް ދައުލަތުން ވިދާޅުވާ ވާހަކަތަކުގެ ތަފްސީލެއް ދައުވާގައި ސާފުކޮށްދީފައެއް ނުވެ އެވެ.
އިމްރާން ވަނީ އެ ދައުވާއަށް އިންކާރު ކުރައްވާފަ އެވެ.
އިމްރާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައި ވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ ޤާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.
އެ ގާނޫނުގައި ވަނީ ސިޔާސީ މަގުސަދެއްގައި ނުވަތަ މީހަކަށް ނުވަތަ ބަޔަކަށް ބިރުދެއްކުމުގެ ގޮތުން ނުވަތަ ބައެއްގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް މީހަކު ނުވަތަ މީހުން މެރުން ނުވަތަ އެފަދަ މަޤުސަދެއްގައި މީހަކަށް ނުވަތަ ބަޔަކަށް ޖިސްމާނީ ގޮތުން ގެއްލުމެއް ލިބޭފަދަ ކަމެއް ކުރަން އުޅުމަކީ ޓެރަރިޒަމްގެ ކުށުގެ ތެރޭގައި ހިމެނޭ ކަން ކަން ކަމަށެވެ.
މީހެއްގެ ފުރާނައަށް ގެއްލުން ނުލިބޭ ޓެރަރިޒަމްގެ އަމަލެއްކުރާ މީހާގެ އަދަބަކީ 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.