05 Aug 2015, 11:16
ބާލިން (އޮގަސްޓް 5): ޖަރުމަނު ސަރުކާރުން އެގައުމުގެ ޝަރުއީ ދާއިރާގެ ކަންތައްތަކުގެ ތެރެއަށް ވަންނަމުންދާ މައްސަލަ ކުށްވެރިކުރައްވައި އެ ގައުމުގެ ޕަބްލިކް ޕްރޮސެކިއުޓާ ހެރަލްޑް ރެންޖް ވާހަކަ ދެއްކެވުމުން އޭނާ މަގާމުން ދުރުކޮށްފި އެވެ.
ރެންޖް މަގާމުން ދުރުކުރީ ޖަރުމަނުގެ ޖަސްޓިސް މިނިސްޓަރު ހެއިކޯމާސްގެ އެންގެވުމަށް ކަމަށްވެ އެވެ. ހައިކޯމާސް ވިދާޅުވީ ރެންޖް އާއި ސަރުކާރާ ދެމެދު އިތުބާރު ނެތުމުގެ މައްސަލަ އުފެދިއްޖެ ކަމަށާއި އިތުބާރު ނެތް ބޭފުޅަކަށް ޕަބްލިކް ޕްރޮސެކިއުޓަރު ކަމުގެ މަގާމުގައި ނުހުންނެވޭނެ ކަމުގަ އެވެ.
ޖަރުމަނުގެ ސަރުކާރުން އެގައުމުގެ ޝަރުއީ ދާއިރާގެ ކަންތައްތަކުގެ ތެރެއަށްވަންނަމުންދާ ކަމުގެ ތުހުމަތުތަކެއް މިފަހަކަށްއައިސް ދަނީ ކުރެވެމުންނެވެ. ނަމަވެސް މިއީ ޖަރުމަނުގެ ފަހުގެ ޑިމޮކްރެޓިކް ތާރީޚުގައި ވަރަށް ނާދިރުކަމެކެވެ. ޔޫރަޕްގެ އެހެންގައުމުތަކެކޭ އެއްފަދައިން ޖަރުމަނަކީ ވެސް މުސްތަގިއްލު ޝަރުއީ ނިޒާމެއް އޮންނަ ގައުމެކެވެ. ނަމަވެސް މުސްތަގިއްލު ޝަރުއީ ނިޒާމެއްގެ މާނައަކީ ސަރުކާރާއި ޝަރުއީ ދާއިރާ އެއްފަރާތް އަނެއްފަރާތާ ދިމާ ދިކޮޅަށް މަސައްކަތްކުރުން ނޫންކަން ޖަރުމަނުގެ ޖަސްޓިސް މިނިސްޓަރު ހައިކޯމާސް ފާހަގަ ކުރައްވާފައިވެ އެވެ.
ޕަބްލިކް ޕްރޮސެކިއުޓަރު މަގާމުން ދުރުކުރި މައްސަލަ ދިފާއު ކުރައްވަމުން ހެއިކޯމާސް ވިދާޅުވީ ޕަބްލިކް ޕްރޮސެކިއުޓަރ ހެރަލްޑް ރެންޖް މަގާމުން ދުރުކުރަންޖެހުނީ އޭނާގެ މައްޗަށް އިތުބާރު ނުކުރެވޭތީކަމުގަ އެވެ. ޕަބްލިކް ޕްރޮސެކިއުޓަރު ރެންޖް ވަނީ އޭނާ ކުރައްވަމުން ގެންދެވި ތަހްގީގްތަކެއް ހުއްޓާލުމަށް ޖަސްޓިސް މިނިސްޓްރީން އަމުރުކުރި ކުރުމަކީ ޝަރުޢީ ދާއިރާގެ މިނިވަންކަމަށް ސަރުކާރުން އަރައިގަތުންކަމަށް ސިފަކުރައްވާފަ އެވެ. (ނޫސްއެޖެންސީތައް)