05 Aug 2015, 10:58
ޑަޔަލް ކެބް ޓްރާންސްޕޯޓް ސާވިސް ނަމުގައި ހިންގަމުން އަންނަ ޓެކްސީ ސެންޓަރުގައި ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުން ދަނިކޮށް ހުއްޓުވައި އެ ސެންޓަރުގެ އޮޕަރޭޓަރު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ޓެކްސީ ސެންޓަރުގައި ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އެ ސަރަހައްދަށް ފުލުހުން ގޮސްފައި ވަނީ ރޭ ދަންވަރު 01:20ގައި ކަމަށެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ އެވަގުތު އޮޕަރޭޓަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުން ދިޔަ 53 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ.
ޑަޔަލް ކެބް ޓްރާންސްޕޯޓް ސާވިސް ނަމުގައި ހިންގަމުން ދަނީ މަޝްހޫރު އެއްތިރީސް ބައްތިރީސް ޓެކްސީ އެވެ.
ފުލުހުން ބުނީ އެ ސެންޓަރަށް ގޮސް ބެލި އިރު، ސެންޓަރުގެ އެތެރޭގައި އައިސް އަލަމާރި ބަހައްޓައިގެން ތަފާތު ބާވަތްތަކުގެ ދަޅު، ފުޅި އަދި ޕެކެޓް ފަދަ ފިނި ބުއިންތަކުގެ އިތުރުން އެކި ބްރޭންޑްތަކުގެ ސިނގިރޭޓް ވިއްކަމުންދިޔަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން ގަވާއިދާ ޚިލާފަށް ވިޔަފާރި ކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ ފައިސާތަކެއް ވެސް އެ ސެންޓަރުގެ ވަތްގަނޑުގެ ތެރެއިން ވަނީ ފެނިފައި ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ޑަޔަލް ކެބް ޓްރާންސްޕޯޓް ސާވިސްގައި ވިޔަފާރި ކުރަމުން ދިޔައީ ޖެހިގެންހުރި "މިހާ" ނަމަކަށް ކިޔާ ފިހާރައިގެ ވިޔަފާރި ހުއްދަ އެ ސެންޓަރުގެ ތެރޭގައި ހަރުކޮށްގެން ކަމަށެވެ.