05 Aug 2015, 10:45
ބާރަށް ފެތުރޭ އަލިފާން ގަނޑެއް އެމެރިކާގެ ރަށަކާ ދިމާލަށް އަންނާތީ އެ ރަށުގެ އެންމެން ރަށް ދޫކޮށް ހިނގައްޖެ އެވެ.
އެމެރިކާގެ ސީބީއެސް ނިއުސް ބުނީ ވޮޝިންޓަން ސްޓޭޓްގެ ރޫޒްވެލްޓް ނަމަކަށް ކިޔާ ޓައުންގެ އެންމެން ރަށް ދޫކޮށް ގޮސްފައި ވަނީ އިއްޔެ މެންދުރު ފަހު އެކެއް ޖަހާ އެހާކަށް ހާއިރު ފެތުރެން ފެށި އަލިފާން ގަނޑެއް ވަރަށް ބާރަށް އެއަވަށާ ދިމާލަށް އަންނާތީ ކަމަށެވެ. ކްލިކިޓެޓް ކައުންޓީގެ ފުލުހުންނާ ހަވާލާދީ ސީބީއެސް ބުނީ ރޫޒްވެލްޓް ޓައުން ހުސްކުރީ ކްލިކިޓެޓް ކައުންޓީގެ ޝެރިފް( ފުހުންގެ ވެރިޔާ) އެކަމަށް އަމުރު ކުރުމުން ކަމަށެވެ.
އަލިފާން ގަނޑުގެ ސަބަބުން ބައެއް ގުދަން ތައް އެނދި ނަމަވެސް އަދި އެއްވެސް ގެއެއް އަނދާފައި ނުވާ ކަމަށް ކްލިކިޓެޓް ކައުންޓީގެ އިމަޖެންސީ މެނޭޖްމެންޓްގެ ޑައިރެކްޓަރު ޖެފް ކިންގް ބުނި ކަމަށް ސީބީއެސް ނިއުސްގެ ހަބަރުގައިވެ އެވެ.
ރޫޒްވެލްޓް ޓައުން ދޫކޮށް ދިޔަ 300 މީހުންނަށް އެތާ ކައިރީގައިވާ އެހެން އަވަށެއްގެ ސްކޫލަކުން ވަނީ ހިޔާވަހިކަން ދީފަ އެވެ.
އެމެރިކާގެ ވޮޝިންޓަން ސްޓޭޓްގައި އަލިފާންގަނޑެއް ފެތުރެމުން ދާއިރު ކެލިފޯނިއާ ސްޓޭޓްގައި ވެސް ހޫނު ގަދަވުމާއި ހަނަފަސްކަމުގެ ސަބަބުން އެފަދަ ހާދިސާތައް ދަނީ ހިނގަމުންނެވެ.