05 Aug 2015, 11:41
ފިހާރަތަކުގައި ހުންނަ ޕީއޯއެސް މެޝިން މެދުވެރިކޮށް ވެސް ކަސްޓަމަރުންނަށް ފައިސާ ނެގޭ ހިދުމަތެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ތައާރަފުކޮށްފި އެވެ.
ބީއެމްއެލް ކޭޝްބެކް ހިދުމަތަކީ ކަސްޓަމަރުން ބީއެމްއެލް އިން ދޫކުރާ ޑެބިޓް ކާޑުތައް މެދުވެރިކޮށް ވިޔަފާރިކުރާ އިރު ބިލުގެ 15 ޕަސެންޓް ނަގުދު ފައިސާގެ ގޮތުގައި ނެގޭ ހިދުމަތެކެވެ. އެއްވެސް އަގަކާ ނުލައި ބޭނުންކުރެވޭ މި ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންގެ އެކައުންޓުން ކެނޑޭނީ ހަމައެކަނި ކުރި ވިޔަފާރީގެ އަދަދާ ކޭޝްބެކްގެ ގޮތުގައި ނަގަން އެދޭ އަދަދެވެ.
"މިސާލަކަށް ކަސްޓަމަރަކު ބީއެމްއެލް އިން ދޫކޮށްފައިވާ ޑެބިޓް ކާޑެއް ބޭނުންކޮށްގެން 1000 ރުފިޔާގެ ވިޔަފާރިއެއްކޮށް، ފައިސާ ދައްކަމުން އެދުނީ އެ ކުރި ވިޔަފާރީގެ 15 ޕަސެންޓުކަމަށްވާ 150 ރުފިޔާ ކޭޝްބެކްގެ ގޮތުގައި ނަގަން. މިގޮތުން ކަސްޓަމަރުގެ އެކައުންޓުން ޖުމްލަ 1150 ރުފިޔާ ކެނޑުމަށް ފަހު، ވިޔަފާރިކުރި ތަކެއްޗާ އެކު 150 ރުފިޔާ ލިބޭނެ،" ބީއެމްއެލް އިން ނެރުނު ބަޔާނެއްގައިވެ އެވެ.
އެ ހިދުމަތާ ގުޅޭ ގޮތުން ބީއެމްއެލްގެ ރީޓޭލް ބޭންކިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ބީއެމްއެލް އިން ކޭޝްބެކްގެ ހިދުމަތް ތައާރަފްކުރުމުގެ މައިގަނޑު ބޭނުމަކީ ކަސްޓަމަރުންނަށް ވިޔަފާރިކުރާ އިރު ވެސް ފަސޭހައިން ކުދިއަދަދުގެ ފައިސާ ނެގޭނެ އިންތިޒާމެއް ހަމަޖައްސައިދިނުން ކަމަށެވެ.
މިވަގުތު ބީއެމްއެލްގެ ކޭޝްބެކް ހިދުމަތް ލިބެނީ އަގޯރާ، ލެކިއުޓް ރެޑްވޭވް، ފްރީ ގާއިޒް، ގާއިޒް 2000، ލެކިއުޓް އިލެކްޓްރޯނިކްސް، ސްމާޓް ފޯންސް، ސްމާޓް އިލެކްޓްރޯނިކްސް އަދި ސޮނީ ސްޕޯޓްސްގެ ފިހާރަތަކުންނެވެ.
ކުރިއަށް އޮތްތާގައި އިތުރު ފިހާރަތަކުން މި ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބީއެމްއެލް އިން ބުންޏެވެ.