05 Aug 2015, 10:42
އެޖެންޑާގައި ކުރާނެ އިތުރު މަސައްކަތެއް ނެތުމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ މެދުކަނޑާލައިފި އެވެ.
ކޯރަމް ހަމަ ނުވުމުގެ ސަބަބުން މިއަދުގެ ޖަލްސާ ފަށާފައި ވަނީ ލަހުން ނެވެ.
މިއަދުގެ އެޖެންޑާގައި އޮތް ހަމަ އެކަނި މަސައްކަތަކީ ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ބޯޑަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނަންފުޅުތައް ދިރާސާ ކުރެއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ރިޕޯޓު އިއްވުމަށް ފަހު އެއަށް ބަހުސް ކުރުމެވެ.
ކޮމެޓީ ރިޕޯޓު އިއްވުމަށް ފަހު މަޖިލީހުގައި ޖަލްސާގައި އެ ރިޕޯޓަށް ބަހުސް ކުރެއްވީ ދެތިން މެމްބަރުން ނެވެ.
އެއަށް ފަހު މަޖިލީހުގެ އެޖެންޑާގައި ދެން އޮތީ ވޯޓަށް އަހަން ހުރި ކަންކަމަށް ވޯޓަށް އެހުމެވެ. އެހެންނަމަވެސް ވޯޓަށް އަހާ ގަޑި އަކީ 1:30 ކަމުން މަޖިލީހުގެ މިއަދުގެ ޖަލްސާ ރިޔާސަތުން ވަނީ މެދުކަނޑާލައިފަ އެވެ.
މިއީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގައި ކުރާނެ އިތުރު މަސައްކަތެއް ނެތުމުން ޖަލްސާގެ ތެރެއިން މަޖިލިސް ހުއްޓާލި ފުރަތަމަ ފަހަރެވެ.
މަޖިލީހުގައި ކުރާނެ އިތުރު މަސައްކަތެއް ނެތުމުން މިއަދުގެ ޖަލްސާ މެދުކަނޑާލާފައިވާ އިރު ގާނޫނުތަކަށް ގެނައުމަށް މެމްބަރުން ހުށަހަޅުއްވާފައިވާ ތަފާތު އެކި އިސްލާހުތައް ކޮމެޓީ މަރުހަލާގައިވާކަން ފާހަގަކުރެވެ އެވެ.
ކޮމެޓީ މަރުހަލާގައިވާ ބައެއް ކަންކަމުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެމުން އަންނަ އިނާޔަތް 5000 ރުފިޔާ އަށް ބޮޑުކުރަން މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމު ހުށަހަޅުއްވާފައިވާ އިސްލާހާ ޕެންޝަން ފައިސާ ލިބޭ އުމުރު އަވަސް ކުރުމަށާއި ވަޒީފާ އިން މުސްކުޅި ކުރާ އުމުރު އަވަސް ކުރުމަށް ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ހުށަހަޅުއްވާފައިވާ އިސްލާހު ހިމެނެ އެވެ.
ހަމައެއާ އެކު މިނިވަން 50 އާ ގުޅިގެން ދިޔަ ހަރަދުތަކުގެ ތަފުސީލުތައް ހޯދުމަށް ވެސް ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު މެމްބަރަކު ވަނީ ހުށަހަޅާފައި އެވެ.