ބޭސް ފަރުވާއަށް އިންޑިއާގެ ޓުރެވަންޑުރަމްއަށް ގޮސް އުޅުނު ދުވަސްވީ ދިވެހި ދެމަފިރިއަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ގެއްލިގެން ހޯދަމުން ދަނީ ގއ. ގެމަނަފުށީ، ޓޫމައި ފްރެންޑްސް ގޭ 72 އަހަރުގެ އަދުނާން ހަސަން އާއި 61 އަހަރުގެ ހަދީޖާ ހުސެއިންނެވެ.

ގެމަނަފުށީ ކައުންސިލް މެމްބަރަކު އަދި އެދެ މަފިރިންގެ ދަރިއެއް ކަމަށްވާ މުހައްމަދު ޝަހީދު މިއަދު ސަން އަށް ވިދާޅުވީ އޭނާގެ މަންމަ އާއި ބައްޕަ ބޭސް ފަރުވާއަށް އިންޑިއާ އަށް ގޮސްފައި ވަނީ މިދިޔަ ހުކުރު ދުވަހު ކަމަށާއި އިންޑިއާއަށް ގޮސް އާއިލާއަށް ގުޅި ކަމަށެވެ. ނަމަވެސް މިދިޔަ ހޯމަ ދުވަހުގެ ރެއަށް ފަހު އެދެ މަފިރިންގެ ހަބަރެއް ނުވާ އިރު ގެންގުޅޭ ނަމްބަރަށް ނުގުޅޭ ކަމަށް ވެސް ޝަހީދު ވިދާޅުވި އެވެ.

"އިއްޔެ ރޭ ބުނެފައި ވަނީ އިއްޔެ ހެނދުނު 7 ނުވަތަ 8 ޖަހާއިރު އެޑްމިންޓް ކުރާ ވާހަކަ އެއީ ބައްޕަގެ ލޮލުގެ އޮޕަރޭޝަނެއް ކުރާ ވާހަކަ، އެއީ ކޮން ހޮސްޕިޓަލެއް ކަމެއް އަޅުގަނޑުމެން ކައިރީގައި ނުބުނޭ. އަދި ކޮން އެޖެންޓެއް ކަމެއްވެސް ނުބުނޭ، އަދި އުޅެނީ ކޮން ހޮޓަލެއްގައި ކަމެއް ވެސް އަޅުގަނޑުމެން ކައިރި ނުބުނޭ." ޝަހީދު ވިދާޅުވި އެވެ.

ޝަހީދު ވިދާޅުވީ އެދެމަފިރިން އާއިލާއަށް ގުޅި އިންޑިއާ ނަމްބަރަކީ މިހާރު ބޭނުން ކުރާ ނަމްބަރެއް ނޫން ކަމަށް މިހާރު ގުޅުމުން ބުނާ ކަމަށެވެ.

އާއިލާ އިން މައުލޫމާތު ދޭ ގޮތުގައި އެދެމަފިރިންނަކީ މީގެ ކުރިން ވެސް 20 ވަރަކަށް ފަހަރު ބޭސްފަރުވާއަށް އިންޑިއާއަށް ގޮސްފައިވާ ދެ މީހުންނެވެ. މިފަހަރު ވެސް އެދެމަފިރިން ދިޔައީ އެކަންޏެވެ.

އެދެމަފިރިންގެ ހަބަރެއް ނުވެގެން ހޯދައިދިނުމަށް ފޮރިން މިނިސްޓްރީއަށް ވެސް ގެމަނަފުށީ ކައުންސިލް އިން ވަނީ އެކަން ހުށައަޅާފަ އެވެ.