ޖަޕާނުގައި މިވަގުތު ދިވެހި 24 އާއިލާއެއް އެބަތިބި ކަމަށާއި އެ އާއިލާތަކާ ގުޅޭ މައުލޫމާތު ސާފުނުވާ ކަމަށް ދިވެހި ހާރިޖިއްޔާއިން ބުނެފި އެވެ.

ހާރިޖިއްޔާގެ ޑައިރެކްޓާ އޮފް ކޮމިޔުނިކޭޝަން އިރުޝާދާ އަބްދުއްސައްތާރު މިއަދު ވިދާޅުވީ ދިވެހިންގެ 24 އާއިލާއެއް ޖަޕާނުގައި މިވަގުތު ދިރިއުޅެމުން އަންނަ ކަމަށް ހާރިޖިއްޔާގެ ރަޖިސްޓްރީން ދައްކާ ކަމަށެވެ. ނަމަވެސް އެއީ ކިތައް ދިވެހިން ކަމެއް އެ ވުޒާރާއަށް އަދި ކަށަވަރު ނުވާ ކަމަށް ވަނީ ބުނެފައެވެ.
އިރުޝާދާ ވިދާޅުވީ ބާރުގަދަ ބިންހެލުމާއެކު ޖަޕާނަށް ސުނާމީ އަރައި މުއާސަލާތުގެ ހިދުމަތްތައް މެދު ކެނޑުމުގެ ސަބަބުން އަދި މިހާތަނަށް އެއްވެސް ދިވެއްސަކާއި ނުގުޅޭ ކަމަށެވެ. ނަމަވެސް ވިދާޅުވީ ޖަޕާނުގައި ތިބި ގިނަ ދިވެހި އާއިލާތައް ދިރިއުޅެނީ ސުނާމީގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބުނު ޓޯކިޔޯގައި ކަމަށެވެ. ޓޯކިޔޯގެ އިތުރުން ޖަޕާނުގެ އެހެން ދެ ސަރަހައްދެއްގައި ވެސް ދިވެހިން އޫޅޭ ކަމުގެ މައުލޫމާތު ލިބިފައި ވާކަމަށް އިރުޝާދާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މި އަންނަނީ ގުޅަން. އަޅުގަނޑުމެންގެ އަތުގައި މި އުޅެނީ މޯބައިލް ނަމްބަރުތައް. އެކަމަކު މޯބައިލްތައް ކެނޑިފައި ހުރުމުން ނުވެސް ގުޅޭ. އެމްބެސެޑާ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ ދިވެހި އާއިލާތަކުގެ ހާލުބަލަން،" އިރުޝާދާ ވިދާޅުވި އެވެ.
ރާއްޖެ ގަޑިން މިއަދު ހެނދުނު 10:45 ގައި ރެކްޓަ މިންގަނޑުން 8.9 ގެ ބާރުމިނުގައި ޖަޕާނުގެ އިރު އުތުރު ސަރަޙައްދުގެ ކަނޑުގެ އައްސޭރިފަށަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން 10 މީޓަރުގެ އުސް ސުނާމީއެއް އަރައި ޖަޕާނުގެ ވެރިރަށް ޓޯކިޔޯ އަދި ޖަޕާނުގެ އިތުރު ސަރަހައްދުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

ޖަޕާނަށް އައި ބާރުގަދަ މި ބިން ހެލުމާ ގުޅިގެން ޖަޕާނަށް ސުނާމީ އަރާފައިވާއިރު ރަޝިޔާގެ އިރުމަތީ އައްސޭރިފަށާއި ޕެސިފިކްގެ އެތަށް ގައުމެއްގައި ވަނީ ސުނާމީގެ އިންޒާރު ނެރެފައެވެ. މީގެތެރޭގައި އިންޑޮނީޝިޔާ، މާކޮސް އައިލެންޑާއި ޓައިވާނާއި ފިލިޕީންސާއި އެމެރިކާގެ ހަވާއީ، އަދި ގުއާމް ޖަޒީރާތައް ވެސް ހިމެނެ އެވެ. މިބިންހެލުމުގެ ސަބަބުން މިހާތަނަށް ޖަޕާނުގައި 32 މީހަކު މަރުވެފައި ވާކަމަށް އޭއެފްޕީން ބުނެ އެވެ.