އިންޑިއާގައި ދެ ރޭލެއް ބްރިޖެއް ހުރަސްކުރުމަށް އުޅުމުގެ ތެރޭގައި ދޭތި ޖެހި ހިނގި އެކްސިޑެންޓެއްގައި 24 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

ފުލުހުން ބުނާ ގޮތުގައި މަރުވި މީހުންގެ އަދަދު 27 ވަރަށް އަރާނެ އެވެ. އެގޮތުން މަރުވި މީހުންގެ ތެރޭގައި 10 އަންހެނުންނާއި ފަސް ކުޑަކުދިން އަދި ނުވަ ފިރިހެނުން ހިމެނޭ ކަމަށް ރިޕޯޓުތަކުން ބުނެ އެވެ. އެކްސިޑެންޓުގައި އަނިޔާވި މީހުންގެ އަދަދު 100 އަށް ވުރެ މަތިވާނެ ކަމަށް ފުލުހުން ބުންޏެވެ.

އިންޑިއާގެ "ހިންދުސްތާން ޓައިމްސް" އިން ބުނާ ގޮތުގައި ރޭގެ ވަގުތެއްގައި ހިިނގި އެ އެކްސިޑެންޓްގައި ހިމެނޭ އެއް ރޭލަކީ މުމްބައީ އިން އުއްތަރު ޕްރަދޭޝްްގެ ވަރަނާސީ އަށް ދަތުރު ކުރަމުން ދިޔަ ރޭލެއް ކަމަށެވެ. އަނެއް ރޭލަކީ ޕަޓްނާ އިން މުމްބައި އާ ދިމާލަށް ދަތުރު ކުރަމުން ދިޔަ ރޭލެއް ކަމަށް ހިންދުސްތާން ޓައިމްސް އިން ބުންޏެވެ.

އެ ދެ ރޭލުވެސް މަގުން ކައްސާލާފައި ވަނީ އެއް ސަރަހައްދުން ކަމަށް ނޫސްތަކުން ބުނެ އެވެ. އެގޮތުން ދެ ރޭލުވެސް މަގުން ކައްސާލާފައި ވަނީ ބޯޕާލްގެ 160 ކިލޯ މީޓަރު ދެކުނުގެ އަވަށެއް ކަމަށްވާ ހާރުދާ ސިޓީ އާ ހިސާބުން ކަމަށް ހިންދުސްތާން ޓައިމްސް އިން ބުންޏެވެ.

ނަމަވެސް ދެ ރޭލުގެ އެކްސިޑެންޓް ހިނގާފައި ވަނީ ހާރުދާގެ 18 ކިލޯ މީޓަރު ދުރުން ކުޑްވާ ހިސާބުން ކަމަށް ނޫސްތަކުން ބުނެ އެވެ.

މަރުވި މީހުންގެ އާއިލާތަކަށް ޖުމްލަ 200،000 އިންޑިއަން ރުޕީސް ހަރަދު ކުރާނެ ކަމަށް ރެއިލްވޭސް އިން ބުންޏެވެ. އަދި އެކްސިޑެންޓްގައި އަނިޔާވި މީހުންނަށް ޖުމްލަ 50،000 ރުޕީސް ހަރަދު ކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ބައެއް ރިޕޯޓުތަކުން ބުނާ ގޮތުގައި އެކްސިޑެންޓުގައި މަރުވި ބަޔަކު އެ ސަރަހައްދުގައި އޮތް ކޯރަކަށް ވެއްޓިފައި ވެދާނެ އެވެ.