05 Aug 2015, 09:27
ސަލްޓަން ޕާކް ކުރުމަތީ ހުންނަ ޖުމްހޫރީ ބިނާ ނަގައިފި އެވެ.
ޖުމްހޫރީ ބިނާ ނަގާފައި ވަނީ ރޭގެ ވަގުތެއްގަ އެވެ. ބިނާ ހުރި ސަރަހައްދު މިވަގުތު އޮތީ ހުސް ބިމެއްގެ ގޮތުގަ އެވެ.
ބިނާ ނެގީ ކީއްވެތޯ ނުވަތަ ބިނާއަށް ގެންނަނީ ކޮން ބަދަލެއްތޯ ބެލުމަށް ހައުސިން މިނިސްޓްރީގެ ކަމާ ގުޅޭ ފަރާތްތަކަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އެ ފަރާތުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.
ޖުމްހޫރީ ބިނާ ނަގާފައިވާ އިރު އިސްލާމީ މަރުކަޒުގެ ބޭރުގައި ނަމާދު ކުރާ ސަރަހައްދު ބޮޑު ކުރުމުން، އެ މިސްކިތުގައި އެއްފަހަރާ 20،000 މީހުންނަށް ނަމާދު ކުރެވޭ ގޮތަށް އެސަރަހައްދަށް ބަދަލު ގެނައުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

ކުރިން ހުރި ޖުމްހޫރީ ބިނާ-- ފޮޓޯ: ޒޭން ފެމެލީ
ބަދަލު ގެންނަ ސަރަހައްދުގެ ތެރޭގައި ޖުމްހޫރީ ބިނާ ހުރި ސަރަހައްދު ވެސް ހިމެނެ އެވެ. ނަމަވެސް އެބިނާ އެތަނުން ނަގާ ކަމެއް މީގެ ކުރިން ސަރުކާރުގެ އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެ އެވެ.
ފުރަތަމަ ފިޔަވަހީގެ ދަށުން އިސްލާމިކް މަރުކަޒުގެ ވެލިމަގުގައި ތަޅުން އަޅައި ބޮޑުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ އިރު، ދެ ވަނަ އަދި ތިން ވަނަ ފިޔަވަހީގެ ދަށުން މިސްކިތުގެ އެއް ފަރާތުން ސަލްޓަން ޕާކާ ހަމައަށް ތަޅުން އެޅުމާއި އަނެއް ފަރާތުން ޖުމްހޫރީ މައިދާނާ ހަމައަށް މިސްކިތުގެ ބޭރު ތަޅުން ބޮޑު ކުރެވިގެން ދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.