ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ބޯޑަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނަންފުޅުތަކުގެ ތެރެއިން ހަތަރު ބޭފުޅަކަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ރުހުން ދީފި އެވެ.

ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ހުށަހެޅުއްވި ނަންފުޅުތައް އިއްޔެ ބޭއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ބައްދަލުވުމުގައި ދިރާސާކޮށް އެފަރާތްތަކާ ކޮމެޓީން ވަނީ އިންޓަވިއު ކުރައްވާފައި އެވެ. އެފަރާތްތަކުގެ ތެރެއިން 75 ޕަސެންޓަށް ވުރެ މަތިން މާކުސް ލިބިވަޑައިގަތީ އެންމެ ހަތަރު ބޭފުޅަކަށެވެ.

75 ޕަސެންޓަށް ވުރެއް މަތިން ލިބިވަޑައިގެންނެވި ފަރާތްތައް:

  • އަހުމަދު ފާއިޒު މުހައްމަދު
  • ހަސަން ވަހީދު
  • އައިޝަތު އަޝާ އަލީ
  • ފަސީހު ޒާހިރު

މީރާގެ ބޯޑަށް އައްޔަން ބޭފުޅުން އައްޔަން ކުރެއްވުމަށް ރައީސް ޔާމީން މަޖިލީހަށް ހުށަހެޅުއްވި ފަރާތްތަކުގެ ތެރެއިން ފާސްވާ ވަރަށް މާކްސް ލިބިފައިނުވަނީ ލީނާ މުހައްމަދު ޒާހިރު ހުސައިނާއި ފާތިމަތު ފަރްހީޒާ އެވެ.

ރައީސް އޮފީހުން ބުނީ އެ ބޯޑަށް މެންބަރުން އައްޔަންކުރެއްވުމަށް ޓަކައި، މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ މިދިޔަ މަހުގެ 16 އިން ފެށިގެން 22 ވަނަ ދުވަހުގެ ނިޔަލަށެވެ.

މީރާގެ ބޯޑުގައި މިހާރު ތިއްބަވަނީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހަންމަދާއި ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރާއި ޗެއާޕާސަން އަހުމަދު މުހައްމަދާއި ޑެޕިއުޓީ ޗެއާޕާސަން ހަސަން ވަހީދާއި ޑިރެކްޓަރު އައިޝަތު ލޫލާ ހަސަނާއި ޑިރެކްޓަރު ހުސެއިން ސިރާޖް އަދި ޑިރެކްޓަރު އަހުމަދު ފާއިޒެވެ.