ރިޔޫނިއަންގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖެއަށް ރަންމެޑަލް ހޯދައިދިން ބާރު ދުވުންތެރިޔާ ހަސަން ސާއިދަށް، މިމަހު ރައްޔިތުންގެ މަޖިލީހުން ލިބިވަޑައިގަންނަވާ މުސާރަ ދެއްވާނޭ ކަމަށް ޕީޕީއެމްގެ މަޖިލިސް މެންބަރު އަހްމަދު ނިހާން ހުސައިންމަނިކު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ނިހާން މިރޭ ސަންއަށް ވިދާޅުވީ، ސާއިދު ރާއްޖެއަށް ހޯދައިދިން ރަންމެޑަލްގެ ސަބަބުން އޭނާއަށް ހިތްވަރު ދެއްވުމުގެ ގޮތުން ދެއްވާނޭ ކަމަށް ވިދާޅުވެފައި ވަނީ، ރައްޔިތުންގެ މަޖިލީހުން ލިބިވަޑައިގަންނަވާ އަސާސީ މުސާރަ 42،500 ރުފިޔާ ކަމަށެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު-- ސަން ފައިލް ފޮޓޯ

ނިހާން މިރޭ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވެފައި ވަނީ، "ދިވެހި ގައުމަށް ރީތިނަން ހޯދައިދިން ސާއިދު އަށްޓަކައި ހަމަ ކޮންމެ ދިވެއްސަކު ވެސް ފަޚުރުވެރިވުން ހައްގު" ކަމަށާއި ރާއްޖެއަށް ރަން މެޑަލް ހޯދައިދިނުމުން ސާއިދަށް ހަމައެކަނި މަރުހަބާ ކިޔާލުމުން ނުފުދޭ ކަމަށެވެ.

"ހަމައެކަނި މަރުހަބާ ކިޔާލުމުގެ ބަދަލުގައި ސާއިދު، ގައުމަށް ގެނައި ރަންމެޑަލް އަށް ހިތްވަރު ދިނުމަށް އަޅުގަނޑުގެ މިމަހުގެ މުސާރަ ސާއިދަށް،" ނިހާންގެ އޮފިޝަލް ޓްވިޓާ އެކައުންޓުން މިރޭ ކުރެއްވި ޓްވީޓަގައި ވެއެވެ.

އެމްއެންޑީއެފްގެ ލާންސް ކޯޕްރަލް ހަސަން ސާއިދަކީ ރާއްޖޭގެ އެތުލެޓިކްސްގެ ތާރީޚުގައި ވެސް ބައިނަލްއަގްވާމީ ރަން މެޑައްޔެއް ހޯދައިދިން ފުރަތަމަ އެތުލީޓެވެ.

މިދިޔަ އާދިއްތަ ދުވަހު 100 މީޓަރު ދުވުމުގެ ފައިނަލުން އެއްވަަނަ ހޯދައި ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ސާއިދު ވަނީ، އައިއޯއައިޖީގައި މިއަދު ކުރިއަށްދިޔަ 200 މީޓަރު ދުވުމުގެ ފައިނަލުން ރިހި މެޑަލް ހޯދައިފައެވެ.

މަޖިލިސް މެމްބަރެއްގެ އަސާސީ މުސާރައަކީ 42،500 ރުފިޔާއެވެ. ލިވިން އެލަވަންސްގެ ގޮތުގައި 20،000 ރުފިޔާ ލިބިވަޑައިގަންނަވައެވެ. އަދި ކޮމެޓީތަކުގެ ހާޒިރީން 45 ޕަސެންޓުން ކުރި ހޯއްދެވުމުން 20،000 ރުފިޔާ ލިބިވަޑައިގަންނަވައެވެ. އެއީ މުސާރައާ އެލަވަންސްގެ ގޮތުގައި 82،000 ރުފިޔާއެވެ.