05 Aug 2015, 09:16
"އެ ދުވަހުގެ ހަރަކާތްތައް [މިނިވަން 50 ގެ ހަރަކާތްތައް] ބޭއްވިގެން ދާނީ މިހާތަނަށް ގައުމީ ފެންވަރެއްގައި ރާއްޖޭގައި އެއްވެސްް ކަމެއް ނުބާއްވާހާ ފުޅާ ދާއިރާއެއްގައި. އެކަންތައްތައް ބައިނަލްއަގުވާމީ ސަމާލުކަމަށް ގެނެވި، ރާއްޖޭގެ ނަން ބައިނަލްއަގުވާމީ ދުނިޔޭގައި ވަރަށް ބޮޑަށް ވިދާލާނެ،" މިއީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު ދެއްކެވި ވާހަކަފުޅެކެވެ.
ގައުމެއްގެ މިނިވަންކަމަށް 50 އަހަރު ފުރުން ކުލަ ގަދަކޮށް ފާހަގަ ކުރަންޖެހެނީ ސަބަބެއް ނެތިއެއް ނޫނެވެ. އެއީ މިނިވަންކަންމަތީ ގައުމެއް 50 އަހަރު ވަންދެން އަބަދުމެ ނޯވެދާނެތީ އެވެ. އެހެންނަމަވެސް އުފެދޭ ސުވާލަކީ ދިވެހިރާއްޖެ ފަދަ ކުޑަ ގައުމެއްގެ މިނިވަން ކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް 150 މިލިއަން ރުފިޔާ އަކީ ކުޑަ އަދަދެއްތޯ އެވެ؟
ގައުމެއްގެ މިނިވަން 50 އަށް 150 މިލިއަން ރުފިޔާ އަކީ ބޮޑު އަދަދެއް ނޫނެވެ. އެފަދަ ބޮޑު އަދަދެއް ސަރުކާރުން ކަނޑައަޅާނީ ވެސް ވަރަށް ބޮޑަށް ދިރާސާ ކުރުމަށްފަހުކަން ޔަގީނެވެ. ރާއްޖެއަކީ ހުރިހާ ވަސީލަތްތަކެއް ފުރިހަމަވެފައިވާ ގައުމެއް ނޫނެވެ. އެންމެ ކުޑަމިނުން އަޅުގަނޑުމެން ދިވެހިން އުނު އޮރިޔާން ނިވާކޮށްގެން މިއުޅެނީ ވެސް ރާއްޖޭން ބޭރުން އެެތެރެކުރާ އަންނައުނުގެ ބާވަތްތަކުންނެވެ. އެހެންކަމުން މިނިވަން 50 ފާހަގަ ކުރެވިގެން ދިޔައިރު އެ ކަމަށް ބޭނުންވާ ސާމާނުތައް ކިތަންމެހާ ވެސް ގިނަ ވާނެ އެވެ. އެ ހުރިހާ ތަކެއްޗެއް ގެންނަން ޖެހޭނީ ރާއްޖޭން ބޭރުން ނެވެ.
މިނިވަން 50 އާ ގުޅުވައިގެން ބޭއްވި ފުޅަނދު ބުރުގެ ތެރެއިން: ސަން ފޮޓޯ/ އަލީ ނަސީރި
"މިނިވަން 50 އަށް 150 މިލިއަން ރުފިޔާ ކުޑައެއް ވެސް ބޮޑެއް ވެސް ނޫން. އަނެއްކާ ރާއްޖެ އަކީ ހުރިހާ އެއްޗެއް ހުރިހާ ވަސީލަތެއް އިމްޕޯޓު ކުރަންޖެހޭ ތަނެއް. އެންމެ ކުޑަމިނުން ނަރު ކޮޅެއް ވެސް މިޖެނީ ރާއްޖެއިން ބޭރުން ގެންނަން. ގަންނަން މިޖެހެނީ. ދުނިޔޭގެ އެހެން ގިނަ ގައުމުތަކުގައި އެހެނެއް ނޫން ވަނީ އެއް. ބައެއް ތަކެއްޗަކީ ސީދާ އެތަންތަނުން ތައްޔާރު ކުރާ ތަކެތި. އެހެންކަމުން ރާއްޖެއަށް ބަލާއިރު މި އަދަދަކީ ގޯސް އަދަދެއް ނޫން، ހަމަ ރަނގަޅު އަދަދެއް އެއީ،" މިނިވަން 50ގެ ހަރަކާތްތަކުގައި އެންމެ އިސްކޮށް އުޅުއްވި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވި އެވެ.
ރާއްޖެއަށް މިނިވަންކަން ލިބުނުތާ 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ބައެއް ހަރަކާތްތައް އެކި ފަރާތްތަކާ ހާވާލުކޮށްގެން ކުރިއަށް ގެންގޮސްފައި ވަނީ ބީލަމަށް ނުލަ އެވެ. މިނިވަން 50ގެ ހަރަކާތްތައް ބީލަމަށް ނުލައި އެކި ފަރާތްތަކާ ހަވާލު ކޮށްފައި ވަނީ ސަރުކާރުގެ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށް އެކަމުގައި ހަރަކާތްތެރިވި ފަރާތްތަކުން ވިދާޅުވެ އެވެެ. ބިޑު ކުރުމަކާ ނުލައި އެފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ވަކި ބަޔަކަށް މަންފާއެއް ހޯދައި ދިނުން ކަމަށް ބެލެވޭނެ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ.
"ތެދެއްމެ. އަޅުގަނޑުމެން ބިޑު ކުރުމެއް ނެތި ވެސް ކުންފުނިތަކަށް އެބަ ހަވާލު ކުރަމު މަސައްކަތް. އެކަމަކު އަޅުގަނޑުމެން ހުންނާނެ ހަމަ ގެޒެޓުގައި އިއުލާނު ކޮށްގެން ހަމަ ޕުރޮޕޯސަލް ހުށަހަޅައިގެން ވެސް ހަރަކާތްތައް ބައެއް ފަރާތްތަކާ ހަވާލު ކޮށްފައި. އޭގެ ތެރެއިން މަސައްކަތް ހަވާލުކުރާނެ ބަޔަކު ކަނޑައަޅަނީ މިނިވަން 50ގެ ހަރަކާތްތައް ކުރިއަށް ގެންދާ ކޮމެޓީން،" ސަލީމު ވިދާޅުވި އެވެ.

މިނިވަން 50 އާ ގުޅިގެން ބޭއްވި ހެވިކަމުގެ ހަރަކާތްތަކުގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް
ރާއްޖެއަށް މިނިވަންކަން ލިބުނުތާ 50 އަހަރު ފާހަގަކުރުމަށް މުޅި މާލެ ކުލަބޮކިން ޒީނަތްތެރި ކުރި އެވެ. ސަރުކާރުގެ ކޮންމެ މުއައްސަސާއަކުން ކަހަލަ ގޮތަކަށް ފުޅަނދު ބުރުގައި ބައިވެރިވި އެވެ. އެއިން ކޮންމެ ފުޅަނދަކަށް ލައްކައެއްހާ ރުފިޔާ ހަރަދު ކުރި އެވެ. ކުރިން ހުރި ރަސްމީ ފާލަން ނަގައި މުޅިން އާ ގޮތަކަށް ޑިޒައިންކޮށް އާ ފާލަމެއް ހެދި އެވެ. ޖުމްހޫރީ މައިދާނުގައި ފެން އަރުވާ ވަޑާމެއް ހެދި އެވެ. މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއަށް އުސްފަސްގަނޑު ސަރަހައްދު ތަރައްގީ ކޮށް ޒީނަތްތެރި ކުރި އެވެ. އިއްޒަތްތެރިންނަށް ދިނުމަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްގެން ބޮޑު ޖާފަތެއް ތައްޔާރު ކުރި އެވެ.
އިދިކޮޅު ފަރާތްތަކުން ދެކޭ ގޮތުގައި އެ ހުރިހާ ކަމެއް ކުރުމަށް ސަރުކާރަށް އެތައް ވަގުތެއް ލިބުނެވެ. އެހެންނަމަވެސް ގިނަ ކަންކަން ކޮށްފައި ވަނީ "ކަމަކަށް ކަމެއް ކުރުމުގެ އުސޫލުން" ކަމަށް އެފަރާތްތަކުން ބުނެ އެވެ.

ދަރުބާރު ގޭގައި ބޭއްވި މިނިވަންދުވަހުގެ ރަސްމީ ޖާފަތުގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް
މިނިވަން 50 އާ ގުޅުވައިގެން އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ ރަސްމީ ޖާފަތުގެ ވާހަކަ އެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްވި ރަސްމީ ޖާފަތް ބަޔަކާ ހަވާލުކޮށްފައި ވަނީ ވެސް ބިޑް ކުރުމެއް ނެތި ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ، ޖާފަތް އިންތިޒާމް ކުރުމުގެ ތެރޭގައި ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ހިމެނިފައިވޭތޯ ބައްލަވަމުން ގެންދަވާ ކަމަށެވެ. ލުތުފީ ވިދާޅުވީ، މިނިވަން 50އާ ގުޅޭ ވަރަށް ގިނަ ކަންކަން ބަލަމުންދާ ކަމަށާއި ނަމަވެސް އޭގެ ތަފްސީލު ހާމަކުރެވޭނީ ތަހުގީގު ނިމުމުން ކަމަށެވެ.
ބޮލަކަށް 8000 ރުފިޔާގެ މަގުން 800 މީހުންގެ އެ ޖާފަތަށް 6.4 މިލިއަން ރުފިޔާ އަރާއިރު ޖީއެސްޓީއާ އެކު އެ ބިލަށް އަރާފައި ވަނީ ހަތް މިލިޔަން ރުފިޔާ އެވެ. އެހެން ނަމަވެސް އެޑްވާންސްކޮށް ދައްކާފައި ވަނީ ހަ މިލިޔަން ރުފިޔާ ކަން ސަން އަށް ވަނީ އެނގިފަ އެވެ.
މިއީ ޖާފަތަކަށް ބޮޑު އަދަދެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. މިއީ ހަމައެކަނި ޖާފަތުގެ އަގެވެ. ބޭކާރު ގޮތުގައި މިނިވަން 50 އަށް މިފަދަ ކިތައް މިލިއަން ރުފިޔާ ހިނގާފައިވާނެ ހެއްޔެވެ.
ރާއްޖޭގެ ރަންޔޫބީލު ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކާއި އެ ހަރަކާތްތަކަށް ހިނގައި ދިޔަ ޖުމުލަ އަދަދު އެނގެން ރައްޔިތުން ކިތަންމެހާ ވެސް ބޭނުންވާނެ އެވެ. އެ ހަރަކާތަށް ބޭކާރު ގޮތުގައި ހަރަދުކޮށްފައިވާ އެންމެ ފައިސާ ފޮށްޗަކީ ވެސް އެތައް ރައްޔިތުންގެ ހައްގެވެ. ސަތޭކަ ފަންސާސް މިލިއަން ރުފިޔާ އަކީ ކުޑަ އަދަދެއް ވެސް ނޫނެވެ. އަދި އެ އަދަދުގެ ބޭރުން ކިތައް ހަރަދު ކޮށްފައިވޭތޯ ކަމާ ގުޅުން ހުރި މުއައްސަސާތަކުން ބަލަންޖެހެ އެވެ. އެކަމުގައި ހިޔާނާތުގެ ކުށެއް ފެންމަތި ވެއްޖެ ނަމަ އެ މީހަކަށް ނުވަތަ އެފަރާތްތަކަށް ހައްގު އަދަބު ލިބެން ޖެހެ އެވެ.