05 Aug 2015, 01:03
ހއ. އުތީމް ސުކޫލުގެ ގްރޭޑް 10ގެ 17 ދަރިވަރުން އެ އަތޮޅުގައި އޮންނަ އަލިދޫ ރިސޯޓަށް ތަޖުރިބާގެ ދަތުރެއް ކޮށްފިއެވެ.
އުތީމް ސްކޫލުން ބުނީ މި ދަތުރަކީ ރިސޯޓު ދާއިރާގައި ކުރާ މަސައްކަތްތަކުގެ ތަޖުރިބާ ލިބިގަތުމަށްޓަކައި ކުރިދަތުރެއް ކަމަށާއި އެ ދަތުރުގެ ސަބަބުން ކުދިންނަށް އެތަކެއް ފައިދާއެއް ކުރާނެ ކަމަށެވެ.
އަންގާރަ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށް އަލިދޫގައި ކުރިއަށް ގެންދިޔަ، މި ޓްރެއިނިންގައި އެ ރިސޯޓުގައި ކުރާ މަސައްކަތްތަކުގެ މައުލޫމާތު ކުދިންނާއި ހިއްސާކުރުމުގެ އިތުރުން، އެކިއެކި ޑިޕާޓްމަންޓްތަކުގައި ކުރާ ތަފާތު މަސައްކަތްތައް ދަރިވަރުންނަށް ދައްކާލުން ކުރިޔަށް ދިޔައެވެ.
އަދި ދަރިވަރުން ލައްވައި ބައެއް މަސައްކަތް އަމަލީގޮތުން ކުރުވުން ވެސް ކުރިޔަށް ގެންގޮސްފައި ވެއެވެ.
އުތީމް ސްކޫޮލް ---- ސަން ފޮޓޯ؛ ކިޔުންތެރިއެއް
އުތީމް ސްކޫލުން ބުނީ އެ ދަތުރު އިންތިޒާމުކުމުގައި ރަށު ކައުންސިލާއި ބެލެނިވެރިންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލެއްވުމެއް ލިބުނުކަމަށެވެ.
އަލިދޫ ރިސޯޓުގެ ފްރަންޓް އޮފީސް މެނޭޖަރު ހުސައިން ފަހުމީ ވިދާޅުވީ، އަންހެން ކުދިންވެސް މި ދާއިރާއަށް ނިކުންނަން ޖެހޭ ކަމަށާއި މި ދުވަސްވަރަކީ ގުރޭޑް 10 ގެ ދަރިވަރުންގެ އޯލެވެލް އިމްތިހާނަށް ތައްޔާރުވާ ދުވަސްވަރު ކަމުން އެކުދިންގެ ވިސްނުން އިތުރަށް ތަރައްގީ ކުރަންޖެހޭ ކަމަށެވެ.
އެ ދަތުރުގެ ސަބަބުން ކުރިން ނޭނގޭ އެތަކެއް މައުލޫމާތުތަކެއް އެ ދަރިވަރުންނަށް އެނގޭނެ ކަމަށާއި ރިސޯޓު ދާއިރާއަށް ގިނަ ކުދިންތަކެއް ޝައުޤުވެރިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.