ކޯޓްތަކުގެ ބެލެނިވެރިކަމުގެ އިހްތިސާސްގެ ދަށުން ވަކި މައްސަލަތަކެއް ބެލުން މަޑުޖައްސަން މަތީ ކޯޓްތަކުން ދަށު ކޯޓުތަކަށް އަންގާ އެންގުންތަކާ ގުޅިގެން ވަރަށް ގިނަ މައްސަލަތައް ނުބެލި ފުނިޖެހިފައިވާ ކަމަށް ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ނައީމް ވިދާޅުވެއްޖެ އެވެ.

ސިވިލް ކޯޓުން އިއްޔެ ވަނީ އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބު ކުރައްވާ ދައުވާގެ ޝަރީއަތުގެ މަޖިލީހެއް ބާއްވަވައި އެ މައްސަލަ ފަސް ކުރަން ހައިކޯޓުން އަންގާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އެ ދައުވާގެ ޝަރީއަތް ފަސް ކުރަން ހައި ކޯޓުން ސިވިލް ކޯޓަށް އަންގާފައިވާތީ ޝަރީއަތުގައި ގާޒީ ނައީމް، ވިދާޅުވީ މަގުބޫލް ސަބަބެއް ނެތި މައްސަލަތަކުގެ ޝަރީއަށް ފަސް ކުރަން މަތީ ކޯޓުތަކުން ދަށު ކޯޓުތަކަށް އަމުރު ނުކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ މައްސަލަތައް ދަށު ކޯޓުތަކުގައި ކުރިއަށް ގެންދިއުން ބާތިލުކޮށް، މަތީ ކޯޓުތަކުގައި އެފަދަ ޝަރީއަށް ކުރިއަށްގެންދެވޭނެ ގޮތް ހައްދަވައިދެއްވުން ވެސް މާރަގަނޅުވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ވިޔަފާރި މުއާމަލާތްތަކާ ބެހޭ ބޮޑެތި މައްސަލަތައް އާންމުކޮށް ބައްލަވާ ގާޒީ ވިދާޅުވީ މައްސަލަތައް މަޑުޖައްސައިލުމަށް މަތީ ކޯޓްތަކުން އަންގާ އެންގުންތަކާ ގުޅިގެން ދެތިން އަހަރު ވަންދެން މައްސަލަތައް ނުބެލި މަޑުކުރަންޖެހޭ ކަމަށެވެ. އަދި އެފަދަ އެންގުންތަކުންގެ ސަބަބުން އިތުރު މައްސަލަތަކެއް ނުބެލި އަހަރުތަކެއް ވަންދެން ޝަރީއަތް މެދު ކަނޑާލަންޖެހިދާނެ ކަމުގެ ބިރުހީވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އިއްޔެގެ ޝަރީއަތް ނިންމުވާލައްވަމުން ގާޒީ ނައީމް ވިދާޅުވެފައި ވަނީ މުއްތަލިބު އިލެކްޝަން ކޮމިޝަނުގެ މައްޗަށް ކުރާ ދައުވާއާ މެދު އެއް މަސްދުވަހުގެ ތޭރޭގައި ހައި ކޯޓުން ވަކިގޮތެއް ނާންގައިފިނަމަ އަނެއްކާވެސް މައްސަލާގެ ޝަރީއަތްފަށާނެ ކަމަށެވެ.