އަންހެނުންނަށް ދަރިން ނުލިބުމުގެ މައްސަލަ ދިމާވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ސޮއިބީންގައިވާ "ޖެނިސްޓެއިން" ހިމެނޭކަމަށް އެމެރިކާގެ މަޝްހޫރު ހަވަޑް ޔުނިވަރސިޓީން ކުރި ދިރާސާއަކުން ހާމަވެއްޖެ އެވެ.

އެ ޔުނިވަރސިޓީގެ ސައެންސް ވެރިން ކުރި ދިރާސާއަކުން ހާމަވި ގޮތުގައި ސޮއިބީންގައި ވާ "ޖެނިސްޓެއިން" ނަމަކަށްކިޔާ މާއްދާއަކީ ވަރަށް ގިނަ އަންހެނުންގެ ދަރިމައިވުމުގެ ނިޒާމުގައި މައްސަލަތައް އުފައްދާ މާއްދާއެކެވެ.

"ޖެނިސްޓެއިން" އަކީ ގުދްރަތީ އެސްޓްރޮޖިން ހިމެނޭ މާއްދާއެކެވެ. އަންހެނުންގެ އޯވަރީގައި ވެސް އެސްޓްރޮޖިން އުފައްދާއިރު ސޮއިބީން ގިނައިން ބޭނުންކުރުމުން މިމާއްދާ އަންހެނުންގެ ހަށިގަނޑުގައި އިތުރުވާ ކަމަށާއި ނަތީޖާއެއްގެ ގޮތުން އަންހެނުންނަށް ކޮންމެ މަހަކު ދިމާވާ މައްސަރުކަންތަކަށް މައްސަލަ ޖެހޭ ގޮތް ދިމާވަނީ އެވެ.

މައްސަރުކަންތަކަށް މައްސަލަ ޖެހޭ ގޮތް ދިމާވަނީ "ޖެނިސްޓެއިން"ގެ ސަބަބުން އަންހެނުންގެ އޯވަރީގައި ބިސް އުފެއްދުމަށާއި އުފައްދާ ބިސް ބޮޑުވެ ފައްކާވުމަށް ވެސް މައްސަލަތައް ކުރިމަތިވާތީ ކަަމަށް މިދިރާސާ ކުރެއްވި ހަވަޑްގެ ސައެންސްވެރިންގެ ޓީމުން ބުނެއެވެ. ބިސް އުފެއްދުމަށާއި ބިސް ފައްކާވުމަށް މައްސަލަތައް ކުރިމަތިވާނަމަ އަންހެނުން ދަރިމައިނުވާނެކަމަށް މިޓީމުން ބުނެ އެވެ. އަދި ސޮއިބީން އެކުލެވޭ ކާނާ ކެއުމުގެ ސަބަބުން އެމެރިކާގެ ވަރަށް ގިނަ އަންހެނުންނަށް ދަރިމައިވުމުގެ މައްސަލަތައް ކުރިމަތިވެފައިވާކަން ވެސް ކުރީގެ ދިރާސާތަކުން ހާމަވެފައިވާކަން މިޓީމުން ފާހަގަކޮށްފައިވެ އެވެ.

މި ދިރާސާގެ އެހީގައި ހަވަޑް ސައެންސްވެރިންގެ ޓީމުންވަނީ ސޮއިބީން އާއި ސޮއިބީން އެކުލެވޭ ކާނާ ކެއުން މަދުކުރުމަށް، ނޫނީ އެއްކޮށް ކެއުން ހުއްޓާލުމަށް އަންހެނުންނަށް ނަސޭހަތްތެރިވެފަ އެވެ.

މިޓީމު ފާހަގަކުރާގޮތުން ބޭސް ޖަހައިގެން އުފައްދާ ތަރުކާރީއާއި މޭވާ ކެއުމަކީ ވެސް އަންހެނުންނަށާއި އަދި ފިރިހެނުންނަށް ދަރިމައިވުމުގެ މައްސަލަތައް ކުރިމަތިވާކަމެކެވެ.

ބޭސް ޖަހައިގެން އުފައްދާ ތަރުކާރީއާއި މޭވާ ކެއުމުން ފިރިހެނުންގެ ދަރިފަނި އުފެދުމަށާއި އަދި އުފެދޭ ދަރިފަނި ބަލިކަށިވާކަން މިޓީމުން ފާހަގަކޮށްފައިވެ އެވެ.