11 Mar 2011, 15:40
ޓޯކިޔޯ : ޖަޕާނުގެ އިރު އުތުރު ސަރަޙައްދުގެ ކަނޑުގެ އައްސޭރިފަށަށް ބާރުގަދަ ބިންހެލުމެއް އައުމާ ގުޅިގެން އެސަރަޙައްދަށް ސުނާމީ ބޮޑުރާޅުތަކެއް އަރައިފިއެވެ.
ރެކްޓަރ މިންގަނޑުން 8.9ގެ ބާރުމިނުގައިއައި މިބިންހެލުމާއެކު މިސަރަޙައްދަށްއެރި ސުނާމީ ބޮޑު ރާޅުގައި 10 މީޓަރުގެ އުސްމިން ހުރިކަމަށް ޖަޕާނުން ލިބޭ ޚަބަރުތައް ބުނެއެވެ. ސުނާމީ އެރުމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ޖަޕާނުގެ އިރު އުތުރުގެ ސާޙިލްގެ ރަށެއްކަމަށްވާ ސިންދާއި އަށެވެ.
މިރަށަށްއެރި ސުނާމީ ބޮޑުރާޅުގައި އެރަށުގެ ގެދޮރާއި ޢިމާރާތްތަކާއި އެއަރޕޯޓާއި ރަންވޭއަށް ބޮޑެތި ގެއްލުމެއް ލިބިފައިވާއިރު އެރަށުގެ ބޮޑުބައެއްވަނީ އިސްކޮޅު ނުކާވަރުގެ މޫދަކަށް ބަދަލުވެފައެވެ. ވެހިކަލްތަކާއި ގެދޮރުގެ ބައިތަކާއެކު ސުނާމީގެ ލޮނުގަނޑު މުޅި ރަށަށް އަރައިގެންދިޔަ މަންޒަރު ޖަޕާނުގެ ޓީވީ ތަކުން ވަގުތުން ދުރަށް ދައްކަމުން ގެންދިޔައެވެ. އެސަރަޙައްދުގެ އެހެން ރަށެއްކަމަށްވާ އޮނަހާމާއަށްވެސް ސުނާމީ އެރުމުގެ ސަބަބުން އެމުޅިރަށްވަނީ ހާލުގައިޖެހިފައެވެ.
http://www.youtube.com/watch?v=wBt5VlZkdyY
މިބިންހެލުން އައިސްފައިވަނީ ޖަޕާނުގެ ގަޑިން މެންދުރު ފަހު 2:46 ގައެވެ. ބިންހެލުން އައިސްފައިވަނީ ޖަޕާނުގެ އިރުމަތީ ގޮނޑުދޮށުން 130 ކިލޯމީޓަރުގެ ދުރުގައިވާ ކަނޑުގެ އަޑިއަށެވެ. މިބިންހެލުމުގެ މަރުކަޒު ހުރީ ކަނޑުއަޑީގެ ބިމުން 24 ކިލޯމީޓަރު އަޑީގައި ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސަރވޭ މަރުކަޒުން ބުނެއެވެ.
ޖަޕާނަށް އައި މިބިންހެލުމާގުޅިގެން ރަޝިޔާގެ އިރުމަތީ އައްސޭރިފަށާއި ޕެސިފިކްގެ އެތަށް ޤައުމެއްގައި ވަނީ ސުނާމީގެ އިންޒާރު ދީފައެވެ. މީގެތެރޭގައި އިންޑޮނީޝިޔާ، މާރކޮސް އައިލެންޑާއި ޓައިވާނާއި ފިލިޕީންސާއި އެމެރިކާގެ ހަވާއި ގުއާމް ޖަޒީރާތައް ވެސް ހިމެނެއެވެ. މިބިންހެލުމުގެ ސަބަބުން މިހާތަނަށް ޖަޕާނުގައި 8 މީހަކު ވަނީ މަރުވެފައެވެ. އަދި ގިނަޢަދަދެއްގެ ޢިމާރާތްތައް ވަނީ ހަލާކުވެފައެވެ. މީގެތެރޭގައި ޓޯކިޔޯގެ ބައެއް ޢިމާރާތްތައްވެސް ހިމެނެއެވެ.
މީގެއިތުރުން ބިންހެލުމާއި ސުނާމީއާ ގުޅިގެން ޖަޕާނުގެ 4 މިލިޔަނަށްވުރެގިނަ ގެއިންވަނީ ކަރަންޓް ކަނޑައިގެން ގޮސްފައެވެ.
ނަމަވެސް ބިންހެލުމާއި ސުނާމީގެ އަސަރުކުރި ސަރަޙައްދުތަކުގައިވާ ނިއުކްލިޔަރ ދެ ރިއެކްޓަރަށް ގެއްލުމެއް ނުލިބޭ ކަމަށް ޖަޕާނުގެ ބޮޑުވަޒީރުު ނަވްތޫ ކާން ވިދާޅުވިއެވެ.