ޕެރިސް : ލީބިޔާގެ ޒަޢީމް މުޢައްމަރުލްގައްޒާފީގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ އެޤައުމުގެ އިދިކޮޅު އިންތިޤާލީ މަޖިލިސް (ވަގުތީ ސަރުކާރު) އަށް ފަރަންސޭސިވިލާތުން ރަސްމީ ސިފައެއްގައި އިޢްތިރާފްވެއްޖެވެ.

ފަރަންސޭސި ރައީސް ނިކޮލައި ސަރކޯޒީ، ލީބިޔާގެ އިންތިޤާލީ މަޖިލީހުގެ އިސްދެބޭފުޅުން ކަމަށްވާ މަހްމޫދް ޖިބްރީލްއާއި ޢަލީ އަލްޢީސާވީ އާ ޕެރިހުގައި ބައްދަލުކުރެއްވުމަށްފަހު، ފަރަންސޭސި އިސްމަަސްއޫލުވެރިއަކު ވިދާޅުވީ ލީބިޔާގެ ރައްޔިތުން މިހާރު ތަމްޘީލްކުރާ ހަމައެކަނި ފަރާތަކީ އިދިކޮޅު ފަރާތްތަކުގެ އިންތިޤާލީ މަޖިލިސްކަމަށް ފަރަންސޭސި ސަރުކާރާއި ދައުލަތުން ރަސްމީ ސިފައެއްގައި ނިންމައިފި ކަމުގައެވެ.

ފަރަންސޭސިވިލާތުގެ މިނިންމުމާގުޅިގެން ޓްރިޕޮލީގައި ހުންނަ ފަރަންސޭސި އެންބަސީ ބަންދުކޮށް އިންތިޤާލީ މަޖިލީހުގެ ވެރިކަމުގެ މަރުކަޒުކަމަށްވާ ބެންޣާޒީގައި ފަރަންސޭސިވިލާތުން އާ އެންބަސީއެއް ހުޅުވާނެކަން އެޤައުމުން ވަނީ ހާމަކޮށްފައެވެ.

ފަރަންސޭސި ރައީސް ނިކޮލައި ސަރކޯޒީވަނީ އޭނާގެ ޤައުމެކޭ އެއްގޮތަށް ޔޫރަޕްގެ އިއްތިޙާދުގެ ހުރިހާ ޤައުމަކުންވެސް ގައްޒާފީގެ ސަރުކާރާ ގުޅުންތައް ކަނޑާލައި ލީބިޔާގެ އިދިކޮޅު މަޖިލީހަށް އިޢްތިރާފް ވުމަށް އެޤައުމުތަކަށް ގޮވާލައްވާފައެވެ.

ޔޫރަޕްގެ ޤައުމުތަކުން ލީބިޔާގެ އިދިކޮޅު މަޖިލީހަށް އަދި އިޢްތިރާފް ނުވިނަމަވެސް މިޤައުމުތަކުގެ ވެރިން ގެންދަވަނީ އެމަޖިލީހުގެ އިސްވެރިންނާ ބައްދަލުކުރައްވައި މުޢާމަލާތް ކުރައްވަމުންނެވެ.

ފަރަންސޭސި ސަރުކާރުގެ މިފިޔަވަޅުގެ ސަބަބުން ގައްޒާފީގެ ސަރުކާރުން ވަރަށް ބޮޑަށް ރުޅިއައިސް އެސަރުކާރުންވަނީ ފަރަންސޭސިވިލާތާ ގުޅުންތައް ކަނޑާލާނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާވެސްވަނީ ވޮޝިންގޓަންގައި ހުންނަ ގައްޒާފީގެ ސަރުކާރުގެ އެންބަސީއާ މުޢާމަލާތް ނުކުރާނެ ކަމަށްބުނެ އެއެންބަސީ ބަންދުކުރުމަށް އަންގާފައެވެ. މިއެންބަސީގައި ހުންނެވި ލީބިޔާގެ ސަފިރުވަނީ ގައްޒާފީއަށް ނުކިޔަމަންތެރިވެ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންފައެވެ.

އަނެއްކޮޅުން ޕޯޗްގަލްއަށް ވަޑައިގެންނެވި ގައްޒާފީގެ މަންދޫބުވަނީ ނާކާމިޔާބުވެގެން އެނބުރި ލީބިޔާއަށް ވަޑައިގެންފައެވެ. ގައްޒާފީގެ ސަރުކާރަށް ތާއީދު ހޯއްދެވުމުގެ ގޮތުން ޕޯޗްގަލްއަށް ގައްޒާފީ ފޮނުއްވި މަންދޫބަށް ޕޯޗްގަލްގެ ސަރުކާރުން ދިން ޖަވާބަކީ ގައްޒާފީގެ ސަރުކާރު މިހާރު ނެތްކަމަށާއި ގައްޒާފީގެ ވެރިކަން މިހާރު ނިމުމަކަށް އައިސްފި ކަމުގައެވެ.
ޚަބަރުތައް ބުނާގޮތުން ލީބިޔާގެ އަވަށްޓެރި ޢަރަބި ޤައުމެއް ކަމަށްވާ އަލްޖަޒާއިރު ގެ ކިބަިއން ގައްޒާފީ އެދުނު ކަންތަކަށް އަލްޖަޒާއިރުގެ ސަރުކާރު ވަނީ ދެކޮޅު ހަދާފައެވެ.

އިޓަލީންވެސްވަނީ ގައްޒާފީގެ ވެރިކަން ނިމުމަކަށް އައިސްފިކަމަށާއި ގައްޒާފީއާ އިދކޮޅު އިންތިޤާލީ މަޖިލީހަށް އިޢްތިރާފްވާނެކަން ހާމަކޮށްފައެވެ. (އަލްޖަޒީރާ)