04 Aug 2015, 16:36
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2015 ރަސްމީކޮށް ފަށައިގެން ކުރިއަށްދާތާ ހަތަރު ދުވެސް ވެފައިވާއިރު މެޑަލްގެ ލިސްޓްގައި 31 މެޑައްޔާއެކު އެންމެ ކުރީގައި އޮތީ މޮރިޝަސްއެވެ.
މޮރިޝަސްއިން ވަނީ 12 ރަން މެޑަލް ހޯދައި ރަންމެޑަލްގެ ލިސްޓްގައިވެސް އެންމެ ކުރި ހޯދާފައެވެ. އެޓީމުން މިހާތަނަށް ވަނީ 9 ރިހި މެޑަލް ހޯދަފައެވެ. އަދި 10 ލޯ މެޑަލްވެސް ހޯދައިފައި ވެއެވެ.
މޮރިޝަސްއަށްވުރެ އެއް މެޑަލް މަދުން ހޯދައިގެން ދެ ވަނައިގައި އުޅެނީ މުބާރާތް ބާއްވާ ގައުމު ރީޔޫނިއަންއެވެ.
އެގައުމުން ވަނީ އަށް ރަންމެޑަލް ހޯދައިފައެވެ. އެގައުމުން ހާސިލްކޮށްފައިވަނީ 16 ރިހި މެޑަލްއެވެ. އެހެންކަމުން އެޓީމް ވެފައިވަނީ މި މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ރިހި މެޑަލް ހޯދާފައިވާ ގައުމަށެވެ. އެޓީމުން ހާސިލްކޮށްފައިވަނީ ހަ ލޯ މެޑައްޔެވެ.
އެކާވިސް މެޑައްޔާއެކު މެޑަލް ލިސްޓްގެ ތިން ވަނައިގައި އޮތީ މަޑަގަސްރައެވެ. 10 ރަން މެޑައްޔާއެކު އެގައުމު އުޅެނީ ރަން މެޑަލް ލިސްޓުގެ ދެ ވަނައިގައެވެ. އެގައުމުން ހާސިލްކޮފައިވަނީ ފަސް ރިހި މެޑައްޔެވެ. އަދި ހަ ލޯ މެޑައްޔެވެ.
ލިސްޓްގެ ހަތަރު ވަނަ ލިބެނީ ސީޝެލްސްއަށެވެ. އެޓިމުން ވަނީ އަށް މެޑަލް ހޯދައިފައެވެ. އެއީ އެއް ރަން މެޑައްޔާއި އެއް ރިހިމެޑަލްގެ އިތުރުން ހަ ލޯ މެޑައްޔެވެ.
ލިސްޓުގެ ފަސް ވަނައިގައި ތިން މެޑައްޔާއެކު އޮތީ ދިވެހިރާއްޖެއެވެ. ރާއްޖެއަށް ލިބިފައިވަނީ އެއް ރަން މެޑައްޔެވެ. އަދި ދެ ލޯ މެޑައްޔެވެ. ރާއްޖެއަށް ރިހި މެޑައްޔެއް ލިބިފައެއް ނުވެއެވެ.
ރާއްޖެއަށް ރަން މެޑަލް ހޯދައިދިނީ ފިރިހެނުންގެ 100 މީޓަރު ދުވުމުން އެއް ވަނަ ހޯދި ހަސަން ސާއިދެވެ. ރާއްޖޭގެ އަންހެން ޓޭބަލް ޓެނިސް ޓީމުން ވަނީ ކުޅުނު ދެ މެޗުން މޮޅުވެގެން ލޯ މެޑަލް ހޯދާފައެވެ. މީގެ އިތުރުން މިދިޔަ އާދިއްތަ ދުވަހު 10000 މީޓަރުގެ ދުވުމުން ޝަމްހާ އަޙްމަދު ވަނީ ލޯ މެޑަލް ހޯދައިފައެވެ.
އެއް މެޑައްޔާއެކު މެޑަލް ލިސްޓުގެ އެންމެ ފަހަތުގައި އުޅެނީ މަޔޯޓްއެވެ. އެގައުމުން މިހާތަނަށް ހޯދީ ލޯ މެޑައްޔެއް އެކަންޏެވެ.
މިއަހަރު ކުރިއަށް މިދަނީ އައިއޯއަިޖީގެ ނުވަ ވަނަ މުބާރާތެވެ. މިމުބާރާތުގައި 14 ކުޅިވަރަކުން ޖުމުލަ 200 އެތުލީޓުން ވަދަކުރެއެވެ.
ހަތް ގައުމުން ކުރިން މުބާރާތުގައި ވާދަ ކުރަން އޮތް ނަމަވެސް، އޯޕަނިން ސެރަމަނީގައި ހިނގައިދިޔަ ކަންތައްތަކަކާ ގުޅިގެން ކޮމަރޯސް ވަނީ މުބާރާތުން ވަކިވެފައެވެ.