ޕެރިސް : ގައްޒާފީގެ ޒަމާންވީ ޚުދުމުޚްތާރު ވެރިކަން ވައްޓާލަން މަސައްކަތްކުރާ ލީބިޔާގެ އިދިކޮޅު ފަރާތްތަކަކީ ޓެރަރިސްޓުން ކަމަށާއި އެމީހުންގެ ދުވަސް ވަރަށް އަވަހަށް ދުއްވާލާނެ ކަމަށް ގައްޒާފީގެ ދަރިކަލުން ސައިފުލްއިސްލާމް ވިދާޅުވެއްޖެއެވެ.

ރޮއިޓާސް އަށް ދެއްވި ބަސްދީގަތުމެއްގައި ސައިފުލްއިސްލާމް ވިދާޅުވީ އިދިކޮޅު ފަރާތްތަކާ އެކު ހުޅަނގުގެ ބާރުތައް ހަނގުރާމައަށް ވަންނަމަވެސް އޭނާގެ ބައްޕަގެ ވެރިކަން ވައްޓާނުލެވޭނެ ކަމުގައެވެ.

އަދި އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ވަރުގަދަ ޙަމަލާތަކެއްދީ އެފަރާތްތައް އެއްކޮށް ބަލިކޮށްލުމުގެ އޮޕަރޭޝަނެއް ވަރަށް އަވަހަށް ފަށާނެކަންވެސް ސައިފުލްއިސްލާމް ހާމަކުރެއްވިއެވެ.

އަނެއްކޮޅުން ގައްޒާފީގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ ލީބިޔާގެ އިދިކޮޅު ފަރާތްތަކުން އިއްޔެ ބުނީ ގައްޒާފީގެ އަނިޔާވެރި ވެރިކަން ވައްޓާލައިގެން މެނުވީ ލީބިޔާގެ ރައްޔިިތުންނަށް ދިރިއުޅެވެންނެތް ކަމަށާއި ހުޅަނގުގެ އެހީ ލިބުނަސް އަދި ނުލިބުނަސް ގައްޒާފީ ވައްޓާލެވެންދެން އޭނާއާ ދެކޮޅަށް ހަނގުރާމަ ކުރިޔަށްގެންދާނެ ކަމުގައެވެ.

ގައްޒާފީ އޭނާގެ ޚުދުމުޚްތާރު ވެރިކަމުގެ ދިފާޢުގައިވަނީ އަލްޤާޢިދާގެ ކާޑު ޖައްސަވައިގެން ޔޫރަޕަށް ބިރުދައްކަވަން ފައްޓަވާފައެވެ. ގައްޒާފި އިއްޔެ ވިދާޅުވީ ލީބިޔާގެ ރައްޔިތުން އޭނާގެ ވެރިކަން ވައްޓާލަންކުރާ މަސައްކަތްކީ އަލްޤާޢިދާ ފަހަތުގައި އޮވެގެން ހިންގާ ޓެރަރިސްޓް ޙަރަކާތްތަކެއް ކަމުގައެވެ.

އޭނާގެ ސަރުކާރު ވެއްޓި އިދިކޮޅު ފަރާތްތަކަށް ކާމިޔާބު ލިބިއްޖެނަމަ ލީބިޔާގައި އޮންނާނީ އަލްޤާޢިދާގެ ވެރިކަމެއް ކަމަށާއި މިކަމުގެ ސަބަބުން ޔޫރަޕަށާއި އިސްރާއީލަށްވެސް ނުރައްކާވެގެންދާނެ ކަމަަށް ވިދާޅުވެ ހުޅަނގުގެ ތާއީދު ހޯއްދެވުމަށް ގައްޒާފީ މަސައްކަތް ކުރެއްވިއެވެ.

ގައްޒާފީގެ ޙީލަތްތައްތައް އޭނާގެ ފަހަތުގައިތިބި ހުޅަނގުގެ ބާރުތައްްވެސް މިހާރު އަޑުނާހާތީ ބުހުތާން ދޮގުތައް ހައްދަވައިގެން ވެރިކަން ޙިމާޔަތް ކުރެއްވުމުގައި ގައްޒާފީއަށް މިފަހަރު ކާމިޔާބު ނުވާނެ ކަމަށް މުޙައްލިލުން ވިދާޅުވެއެވެ.
ގައްޒާފީގެ އަތްދަށުގައިވާ ގިނަޢަދަދެއްގެ ހަތިޔާރާއި ފައިސާއާއި ކުލީ ސިފައިންނާ އެހެނިހެން ލޮޖިސްޓިކް ވަސީލަތްތަކުގެ ބޭނުން ކުރައްވައިގެން ދުވަސްތަކެއްވަންދެން ވެރިކަމުގައި ދެމިހުންނެވުމުގެ ޤާބިލްކަން އޭނާއަށް ލިބިގެންވާ ކަމަށް ޢަސްކަރީ ތަޖްރިބާކާރުން ވިދާޅުވެއެވެ.

ނަމަވެސް ނޭޓޯފަދަ ބޭރުގެ ބާރަކުން ގައްޒާފީއާ ދެކޮޅަށް ބޮންއަޅައި އޭނާގެ ބާރުތައް ފުނޑު ފުނޑު ކޮށްލައިފިނަމަ ނޫނީ ލީބިޔާގެ އިދިކޮޅު ފަރާތްތަކަށް އެމެރިކާފަދަ ޤައުމަކުން ޒަމާނީ ހަތިޔާރު ފޯރުކޮށްދީފިނަމަ ލަސްތަކެއްނުވެ ގައްޒާފީގެ ވެރިކަން ވެއްޓިގެންދާނެ ކަމަށް މިފަރާތްތަކުން ދެކެއެވެ. (އަލްޖަޒީރާ)