04 Aug 2015, 14:11
ޔަމަނަށް ވެރިވެގަނެގެން އުޅޭ ހޫސީ ޓެރަރިސްޓް ޖަމާއަތުގެ ބާރުގެ ދަށުގައި އޮތް ވައިގެ މަރުކަޒެއް އެގައުމުގެ ސަރުކާރަށް ތާއީދުކުރާ ހަނގުރާމަވެރިން ހިފައިފި އެވެ.
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒްގައި މިހާރު ގާއިމްވެ ތިބި ޔަމަނު ސަރުކާރުގެ ޑިފެންސްމިނިސްޓްރީން ބުނި ކަމަށް އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ބުނީ އަލް އަނާދު އަސްކަރީ ވައިގެ މަރުކަޒު ހޫސީންގެ އަތް ދަށުން މިނިވަން ކޮށްފައި ވަނީ އިއްޔެ އެވެ. އެކަން އެގޮތަށް ކުރެވުނީ ސަޢުދީ އަރަބިއްޔާގެ އެހީގައި ކަމަށް ބުނެ، ޔަމަނު ސަރުކާރުން ވަނީ ސައުދީ ސަރުކާރަށް ޝުކުރު އަދާކޮށްފަ އެވެ.
އަލް އަނާދު ވައިގެ މަރުކަޒު މިނިވަން ކުރެވިފައިވާ ކަމަށް ޔަމަނު ސަކާރުން ބުނި ނަމަވެސް ހޫސީން ވަނީ އެކަން ދޮގުކޮށްފަ އެވެ.
އަލް އަނާދު ވައިގެ މަރުކަޒަކީ ޔަމަނުގައި އެމެރިކާ ސިފައިން ކުރި ގާއިމްވެ ތިބި މަރުކަޒެވެ.
ހޫސީ ޓެރަރިސްޓުންނާއި ޔަމަނުގެ އެހެން ހަނގުރާމަވެރި ޖަމާއަތަކާ ދެމެދު ހިނގަމުން އަންނަ ހަނގުރާމައާއި ސައުދީ އަރަބިއްޔާގެ ވައިގެ ހަމަލާތަކުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ވަނީ މަރުވެފަ އެވެ. އަދި އެ ހަނގުރާމައިގެ ސަބަބުން ޔަމަނު ވަނީ ވަރަށް ބޮޑަށް ވީރާނާ ވެފަ އެވެ.