މިދިޔަ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް 712.2 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.

މެއި މަހުގެ ނިޔަލަށް ރަސްމީ ރިޒާވް ހުރީ 703.7 މިލިއަން ޑޮލަރުގަ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ އިގްތިސާދީ ރިވިއުއިން ދައްކާ ގޮތުން މިދިޔަ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވްއަކީ 712.2 މިލިއަން ޑޮލަރު ކަމަށްވާ އިރު އެއީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާ އިރު 49 ޕަސެންޓް އިތުރު އަދަދެކެވެ.

ރަސްމީ ރިޒާވްގެ ޔޫޒަބަލް ރިޒާވްގެ ގޮތުގައި 234.9 މިލިއަން ޑޮލަރު ހުރި އިރު އެއީ މަހުން މަހަށް ބަލާއިރު ދެ ޕަސެންޓް އިތުރު އަދަދެކެވެ. އަދި އެއީ އަހަރުން އަހަރަށް ބަލާއިރު 67 ޕަސެންޓް އިތުރު އަދަދެކެވެ.

މިދިޔަ ޖޫން މަސް ނިމުނު އިރު ރަސްމީ ރިޒާވްގައި ހުރި މިންވަރަކީ 4.3 މަހުގެ އިމްޕޯޓްކަމަށް އެމްއެމްއޭ އިން ބުނެ އެވެ.