04 Aug 2015, 13:07
މާލޭގައި މިއަދު މަރުވެފައި އޮއްވައި ފެނުނީ އިންސާނެއް ނޫން ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ސަން އަށް ވިދާޅުވީ ފަރީދީމަގު އެފްޑީއައި ކައިރިން ފެނުނީ އިންސާނެއް ނޫން ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރުން ޔަގީންކޮށްދީފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮންއެއްޗެއް ކަމެއް ފުލުހުން ނުބުނެ އެވެ.
"އައިޖީއެމްއެޗުގެ ޑޮކްޓަރުން ވަނީ އެއީ އިންސާނެއް ނޫން ކަން ކަށަވަރު ކޮށްދީފައި،" ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

އެފްޑީއައި ސަރަހައްދު ބަންދުކޮށްގެން ފުލުހުން: އެއީ އިންސާނެއް ނޫން ކަމަށް -- ސަން ފޮޓޯ ފަޔާޒު ޔޫސުފް
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ޒީނަތު އަލީ ހަބީބް ވިދާޅުވީ ގެންދިޔަ އެތީގައި އިންސާނެއްގެ އެއްވެސް ސިފައެއްނެތް ކަމަށް ޑޮކްޓަރު ވިދާޅުވެފައިވާ ކަމަށެވެ.
"އިންސާނެއްގެ އެއްވެސް ސިފައެއްނެތޭ ވިދާޅުވީ. އިތުރު އެއްވެސް އެއްޗެއް ވިދާޅެއްނުވޭ،" ޒީނަތު ވިދާޅުވި އެވެ.

އެފްޑީއައި ކައިރިން ފެނުނު އެތި ފުލުހުން ގެންދަނީ -- ސަން ފޮޓޯ ފަޔާޒު ޔޫސުފް
ފަރީދީމަގު އެފްޑީއައި ކައިރިން ތުއްތު ކުއްޖަކު މަރުވެފައި އޮއްވައި ފެނުނު ކަމަށް މީޑީއާތަކުން ރިޕޯޓް ކުރީ، އެއީ ތުއްތު ކުއްޖެއް ކަމަށް ފުލުހުން ބުނުމުންނެވެ.
އަދި އެ ސަރަހަދުގައި ހުރި ފޫޅުމަޔަކު ވެސް ވަނީ އެއީ ދުވަސްނުފުރާ ވިހާފައި އޮތް ތުއްތު ކުއްޖެއް ކަމަށް ސަންގެ ނޫސްވެރިންގާތު ބުނެފަ އެވެ.