"ސްޓޭޓް ގެސްޓް ހައުސް"ގެ ގޮތުގައި ބޭނުން ކުރުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި އަތޮޅުގެތައް މަރާމާތުކުރުމުގެ މަސައްކަތް ހޯމް މިނިސްޓްރީން މިއަދު ފަށައިފި އެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި މަރާމާތު ކުރަން ޖެހިފައިވާ 20 އަތޮޅުގެ ހުރި އިރު، ހޯމް މިނިސްޓްރީން ފެށި މަސައްކަތުގެ ދަށުން ފުރަތަމަ މަރާމާތު ކުރާނީ ފަސް އަތޮޅުގެ އެކެވެ.

އެކަމާ ގުޅޭ މައުލޫމާތު ދިނުމަށް ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ، އެ މަސައްކަތް ކުރިއަށް ގެންދާނީ ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށެވެ. އަދި މަސައްކަތް ނިންމުމަށްފަހު އަތޮޅު ކައުންސިލްތަކަށް އެތަންތަން ހަވާލުކުރާނެ ކަމަށެވެ.

"އަތޮޅުގެތައް މިހާރު ހުރީ ވަރަށް ބޮޑަށް ވީރާނާވެ ހަލާކުވެފައި. ނަމަވެސް އެއީ އެތަންތަން ރަނގަޅަށް ބޭނުން ކުރެއްވިއްޖެ ނަމަ އެއިން ވެސް އެ އަތޮޅަކާއި ރަށަށް ފައިދާވާނެ ކަންކަން. މަރާމާތައް ފަހު ބޭނުންކުރަން ފެށުމުން މީގެ ފައިދާ ފެންނާނެ،" އުމަރު ނަސީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެތަންތަން ބޭނުން ކުރާނީ "ސްޓޭޓް ގެސްޓް ހައުސް" ތަކެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން އެތަންތަން ބޭނުން ކުރެވޭނެ 14 ފަރާތެއް ކަނޑައަޅާފައިވާ ކަމަށާއި އެއިން ކޮންމެ ލެވެލްއެއްގެ ފަރާތުން އެތަން ބޭނުންކުރި ކަމުގައި ވިޔަސް އެތަނަށް ކުލި ދައްކަން ޖެހޭނެ ކަމަށެވެ. އެ ތަންތަން ބޭނުން ކުރުމުގެ ހުއްދަ ލިބެނީ ދައުލަތުގެ އެކި ފަންތީގެ ބޭފުޅުންނަށާއި ޖަމިއްޔާ ޖަމާއަތްތަކަށެވެ.

މިހާރު މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައި ވަނީ ފަސް އަތޮޅެއްގެ އަތޮޅުގެތަކެވެ. އެއީ ދ. އަތޮޅާއި ހއ. އަތޮޅާއި ރ. އަތޮޅާއި ލ. އަތޮޅުގެ އިތުރުން ހދ. އަތޮޅެވެ. އެ މަސައްކަތައް ޖުމްލަ ފަސް މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި ބާކީހުރި އަތޮޅުގެތައް މަރާމާތު ކުރުމަށް ބޭނުންވާ ހަރަދު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.