04 Aug 2015, 11:37
ގިނަ އަހަރުތަކެއްގެ ބުރަ މަސައްކަތުން އެކުލަވާލި ގާނޫނުލް އުގޫބާތުގެ ބަދަލުގައި މުޅިންއާ ގާނޫނުލް އުގޫބާތެއް އެކުލަވާލުމުގެ މަސައްކަތް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފަށައިފި އެވެ.
ޖުޑީޝަރީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އާ ގާނޫނުލް އުގޫބާތުގެ ބިލެއް ޑްރާފްޓު ކުރުމުގެ މަސައްކަތް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.
"ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އެބަކުރައްވާ އާ ގާނޫނުލް އުގޫބާތެއް ޑްރާފްޓު ކުރުމުގެ މަސައްކަތް. އެ މަސައްކަތް ނިމުނުހާ އަވަހަކަށް އެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ،" އޮފިޝަލް ވިދާޅުވި އެވެ.
މިހާރު އަމަލުކުރަމުންދާ ގާނޫނުލް އުގޫބަތަކީ 2014 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފަސް ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 13ވި އާދީއްތަ ދުވަހު އެ ބިލް ތަސްދީގު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.
ޖުޑީޝަރީގެ އޮފިޝަލް ވިދާޅުވީ އެ ގާނޫނުލް އުގޫބަތު އެކުލަވާލާފައިވާ ގޮތާމެދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވާ ކަމަށެވެ. އެހެންކަމުން ގާނޫނުލް އުގޫބާތުގެ އާ ބިލް އެކުލަވާލަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބޭނުންފުޅުވާ ގޮތަށް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައި ވަނީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރެއް މެދުވެރިކޮށް ކަމަށް ވެސް ޖުޑީޝަރީގެ އޮފިޝަލް ވިދާޅުވި އެވެ.
މިކަމާ ބެހޭ ގޮތުން ސުޕްރީމް ކޯޓުގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް ކުރި މަސައްކަތުން ވެސް އެ ކޯޓުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ސަން އަށް ވިދާޅުވީ މިހާރުގެ ގާނޫނުލް އުގޫބާތުގެ ދަށުން މަސައްކަތް ކުރުމަށް ޕީޖީ އޮފީސް އޮތީ ތައްޔާރަށް ކަމަށެވެ. އަދި ފުލުހުންނާއި ދައުލަތުގެ ޕްރޮސިކިއުޓަރުން ވެސް ވަނީ ގާނޫނުލް އުގޫބާތަށް ފުރިހަމައަށް އަހުލުވެރިވެފައި ކަމަށް ވެސް ޕީޖީ ވިދާޅުވި އެވެ.