އެމްޑީޕީން ހަރުގޭގައި ބާއްވާ ޖަލްސާތައް ލައިވް ކުރުމުގެ ހުއްދަ ހަމައެކަނި ރާއްޖެ ޓީވީއަށް ދިނުމަކީ "އެންމެ ރަނގަޅު ގޮތް" ނޫން ކަމަށް މޯލްޑިވްސް މީޑީއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް މުހައްމަދު އާސިފް (މޮންދު) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ހަރުގޭގައި ބާއްވާ ޖަލްސާތައް ލައިވް ކުރުމުގެ އެކްސްކުލޫސިވް ރައިޓްސް އެމްޑީޕީން ދީފައި ވަނީ ރާއްޖެ ޓީވީއަށެވެ. ނަމަވެސް ހަރުގޭގައި ރޭ ބޭއްވި ޖަލްސާ ސަންގު ޓީވީން ލައިވްކުރަން ފެށުމުން، އެ ޕާޓީން ވަނީ އެ ޓީވީގެ ކްރޫ ހަރުގެއިން ނެރެފަ އެވެ. އަދި ހަރުގެ ބޭރުގައި ތިބެގެން ޖަލްސާ ލައިވް ކުރަން އުޅުމުން، ނަޝީދުގެ ޕޯސްޓަރެއް ކެމެރާ ކުރުމަށްޗަށް ހުރަސްކޮށް، މީޑިއާގެ މިނިވަންކަމަށް އެ ޕާޓީގެ އެކްޓިވިސްޓުން ވަނީ ހުރަސް އަޅާފަ އެވެ.

އެކަމާ ގުޅޭގޮތުން "ސަން"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްއެމްސީގެ ރައީސް އާސިފް ވިދާޅުވީ އާންމުކޮށް ހުޅުވާލާފައިވާ އިވެންޓުތަކަކީ ހުރިހާ ނޫސްވެރިންނަށް ހަމަހަމަކޮށް ކަވަރުކުރެވެން ޖެހޭނެ އިވެންޓުތައް ކަމަށާއި އެއީ އިވެންޓުތަކަކީ ވިޔަފާރި އުސޫލުން ކުރާ ކަމަކަށް ވެގެން ނުވާނެ ކަމަށެވެ.

"މީޑިއާއަކަށް ލިބޭ ވަރަށް ބޮޑު ދެރައެއް އެއީ އެއެއްޗެތި އަޅުގަނޑުމެން ބޭނުންވާ ގޮތަށް، މިސާލަކަށް ޗެނަލަކުން ލައިވް ކުރަން ނުވަތަ ރެކޯޑް ކޮށްގެން ދައްކަން، އެ ފުރުސަތު އޮންނަން ޖެހޭނެ އަޅުގަނޑު ގަބޫލު ކުރަނީ، އެކަހަލަ އާންމު އަދި އާންމުންގެ ހިއްސާ އޮންނަ ކަމެއްގައި،" އާސިފް ވިދާޅުވި އެވެ.

ހަރުގެ ޖަލްސާ ސަންގު ޓީވީން ލައިވް ކުރަން އުޅުމުން، ނަޝީދުގެ ޕޯސްޓަރެއް ކެމެރާ ކުރިމައްޗަށް ހުރަސްކޮށްފައި-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ސަންގް ޓީވީއަށް އެމްޑީޕީ ހަރުގެއިން ހުރަސްއެޅި މައްސަލަ މީޑިއާ ކައުންސިލަށް އަދި ހުށައެއް ނާޅާތީ އެކަމާ ގުޅޭ ގޮތުން ކައުންސިލްގައި މަޝްވަރާކޮށްފައި ނުވާ ކަމަށް އާސިފް ވިދާޅުވި އެވެ.

އެކަމާ ގުޅޭގޮތުން ބްރޮޑްކާސްޓިން ކޮމިޝަންގެ ބަހެއް ހޯދުމަށް އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބަށް ގުޅާލުމުން ވިދާޅުވީ އެއީ އެ ކޮމިޝަނުން ބަލަމުން އަންނަ މައްސަލައަކަށް ވުމުން ވަކި އެއްޗެއް ހާމަ ކުރެވެން ނެތް ކަމަށެވެ.

ސަންގު ޓީވީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވީ، ހަރުގޭގެ ޖަލްސާ ލައިވް ކުރުމުގެ ހަމަހަމަ ފުރުސަތު ހުރިހާ މީޑިއާތަކަށް ދިނުމަށް އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއަށް އަންގާފައިވާ ކަމަށެވެ. އަދި އެ އެންގުމާ އެއްގޮތަށް ސަންގުޓީވިއަށް ހަރުގޭގެ ޖަލްސާތައް ލައިވް ކުރެވޭނެ ކަމަށް އަސްވާޑު ވިދާޅުވި އެވެ.

"މިނިވަން 50 ފާހަގަ ކުރަމުންދާއިރު މި ފެނިގެންދަނީ ރާއްޖޭގެ މީޑިއާގެ މިނިވަންކަމަށް މަސައްކަތް ކުރި އެމްޑީޕީގެ ތިލަފަތް ވަކިކޮޅަކަށް ބުރަވެގެންދާތަން. އަޅުގަނޑުމެން އެދެނީ ހަމަހަމަ އުސޫލަކުން ހުޅުވާލެވިފައިވާ މާހައުލެއްގައި މި ޑިމޮކްރަޓިކް އުސޫލު އެމްޑީޕީން ޕްރެކްޓިސް ކުރުމަށް،" އަސްވާޑު ވިދާޅުވި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު ރޮޒައިނާ އާދަމް ވިދާޅުވީ، ހަރުގޭގެ ޖަލްސާ ބާއްވާނެ ތަނާއި ހަރުގޭގެ ޖަލްސާ ލައިވް ކުރާނެ ބަޔަކު ކަނޑައަޅާނީ އެމްޑީޕީން ކަމަށެވެ. އަދި އެކަމާ އިލެކްޝަންސް ކޮމިޝަނުން ނުބެހެވޭނެ ކަމަށެވެ.

ހަރުގެ ޖަލްސާ ސަންގު ޓީވީން ލައިވް ކުރަން އުޅުމުން، ނަޝީދުގެ ޕޯސްޓަރެއް ކެމެރާ ކުރިމައްޗަށް ހުރަސްކޮށްފައި-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން