ވޯޓް ގުނުމުގައި ޤަޞްދުގައި އޮޅުވާލައިގެން، ވަކި ނަތީޖާއެއް ނެރުމުގެ ކަންތައް ހިންގާފައިވާ ފަރާތްތަކަށް، ޤާނޫނު ތަންދޭ އެންމެ ބޮޑު އަދަބު ލިބެން ޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، ނިމިގެން ދިޔަ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އިންތިޚާބުގެ ތެރޭގައި ނުހަމަ އެތައް ކަމެއް ހިނގާފައިވާ ކަމަށް ވިދާޅުވެ، އެކަމުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން، 40 އަށް ވުރެ ގިނަ މައްސަލަ ކޯޓަށް ހުށަހެޅި އަދި އޭގެތެރެ އިން 33 މައްސަލައެއް ކޯޓުން ބަލައިގެންފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، ވޯޓްގެ ކަންކަމުގައި އޮޅުވާލުން އިތުރުވަމުންދާ ނަމަ، މުޅި ނިޒާމު އެކީގައި ތަޣައްޔަރުވެ، ނިޒާމު އެކީގައި މަސައްކަތް ނުކުރާގޮތް ވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

އެހެންކަމުން، އެކަންތައްތަކަކީ މުހިންމު ކަންތައްތައް ކަމަށް ބައްލަވައި، ވޯޓް ގުނުމުގައި އޮޅުވާލުމުގެ ޢަމަލުތައް ހިންގާފައިވާ ފަރާތްތަކަށް އެންމެ ހަރުކަށި އަދަބެއް ލިބޭނެ ގޮތަކަށް ޕްރޮސެކިއުޓާ ޖެނެރަލް ވެސް އަދި އިލެކްޝަންސް ކޮމިޝަން ވެސް ކަންކަން ފަހިކުރައްވައިގެން، ކުރިއަށް ގެންދަވާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، މިދިޔަ ބުދަ ދުވަހުން ފެށިގެން ޕަބްލިކް ހެލްތުގެ މަސައްކަތްތައް، ލާމަރްކަޒީ އުޞޫލުން ހިންގަވަން ފަށްޓަވާފައިވުމާ އެކު، އެކަމުގެ މައްޗަށް ވެސް ބައްލަވާލެއްވި އެވެ. ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރުގެ ބޭނުމަކީ ރާއްޖޭގެ ޤައުމީ 7 އިދާރާގައި ޕަބްލިކް ހެލްތު ސްޕެޝަލިސްޓުން ބައިތިއްބަވައިގެން ޚިދްމަތް ދެއްވުމެވެ. އަދި ރަށްރަށުގައި ޞިއްޙީ ރޮނގުން ޢާންމުކޮށް ވަކި އާދައެއްގެ މަތިން ކުރެވެންހުރި ކަންކަން ކުރެއްވުމެވެ. އެ ރޮނގުން ރައީސް ވާހަކަފުޅު ދައްކަވަމުން، ސަރުކާރުން ގެންގުޅެނީ ބަލިން ދިފާޢުކޮށްދިނުން، ފަރުވާއަށް ވުރެ މުހިންމު ކަމުގެ ސިޔާސަތެއް ކަމަށާއި އެފަދަ ސިޔާސަތެއްގައި ދުރާލާ މަޢްލޫމާތު އެނގި، ކުއްލި ޙާލަތަކަށް ދިޔުމުގެ ކުރިން އަޅަން ޖެހޭ ފިޔަވަޅުތައް އެޅި، އަދި ދިމާވާ މައްސަލަތައް ބެލޭނެ އިންޞާފުވެރި މިންގަނޑުތަކެއް ތަރުތީބުވެފައި އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވި އެވެ.

ރައީސް މިއަދު ދެއްވި ރޭޑިޔޯ ޚިޠާބުގައި، އެމަނިކުފާނު މޮރިޝަސް އަށް ރޭ ފެއްޓެވި ރަސްމީ ދަތުރުފުޅުގެ މައްޗަށް ވެސް ބައްލަވާލެއްވި އެވެ. އެދަތުރުފުޅަކީ، މޮރިޝަސްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށާއި އެދަތުރުފުޅުގައި މޮރިޝަސްގެ ރައީސާއި ބޮޑުވަޒީރާއި އަދި ސަރުކާރުގެ އިސްބޭފުޅުންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި އެބޭފުޅުންނާއި މޮރިޝަސްގެ އަމިއްލަ ފަރާތްތަކާ ވާހަކަ ދައްކަވައި، ޚިޔާލު ބަދަލުކުރައްވައިގެން، މޮރިޝަސްއާ ގާތް ގުޅުމެއް ބާއްވަވައި ދެ ޤައުމަށް ވެސް ފައިދާހުރި ވިޔަފާރީގެ މުޢާމަލާތްތަކާއި އެހެން ވެސް މުޢާމަލާތްތައް ކުރެއްވުމުގެ ފުރްޞަތު، މިދަތުރުފުޅުގެ ސަބަބުން ޙާޞިލް ކުރެއްވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.