19:00


މޯލްޑިވިއަނުން ސްރީލަންކާއަށް ކުރަމުން އައި ދަތުރުތަކަށް އެކަށީގެންވާ ތަރުހީބެއް ލިބެމުން ނުދާ ކަމަށް ބުނެ އަންނަ މަހުން ފެށިގެން ދަތުރުތައް ހުއްޓާލާ ގޮތަށް އެ ކުންފުނިން ހަމަޖައްސައިފި އެވެ.


އައިލޭންޑް އޭވިއޭޝަނުން ބުނީ މޯލްޑިވިއަންގެ ދަތުރުތައް ހުއްޓާލަން ނިންމީ މާލެ، ކަލަންބޯ، މާލެ ދަތުރުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިއުމަށް އެކަށީގެންވާ ކަސްޓަމަރުން ލިބެމުންނުދާތީ ކަމަށެވެ. އަދި ސްރީލަންކާގެ ދަތުރުތައް މޯލްޑިވިއަނުން ހުއްޓާލުމާއެކު އެ ކުންފުނިން މިހާރު ވިސްނަމުންދަނީ އިންޑިޔާގެ ޓްރެވިންޑްރަމަށް ކުރާ ދަތުރުތައް އިތުރުކޮށް އެތެރޭގެ އުދުހުންތަކުގެ އަދަދު އިތުރުކުރުމަށް ކަމަށް ވެސް އައިލޭންޑް އޭވިއޭޝަނުން ބުނެ އެވެ.


މޯލްޑިވިއަންގެ ދަތުރުތައް ކޮޅުނބަށް ފެށީ މިދިޔަ އަހަރުގެ ނޮވެންބަރ މަހުގަ އެވެ. އޭރު ދެކޮޅު ޓިކެޓެއްގެ އަގަކީ 306 ޑޮލަރެވެ. އަދި އޭގެ ފަހުން އެ ކުންފުނިން ވަނީ ގްރޫޕްފެއާތައް ތައާރަފްކޮށް، ފަސް މީހުންގެ ގްރޫޕް ފެއާއަކަށް 199 ޑޮލަރަށް ހަމަޖައްސައިފަ އެވެ.