ޕާކިސްތާނުގައި 2004 ވަނަ އަހަރު ކުޑަކުއްޖަކު މަރާލިކަމުގެ ކުށް ސާބިތުވެފައިވާ ޝަފްގަތު ހުސައިން ދަން ޖައްސައި މަރާލައިފި އެވެ.

ކުޑަކުއްޖަކު މަރާލިކަމުގެ ކުށަށް ޝަފްގަތު އިއުތިރާފުވެފައިވާ އިރު އޭނާގެ ވަކީލުން ބުނެފައި ވަނީ ކުށް ކުރި އިރު ޝަފާގަތަކީ ކުޑަކުއްޖެއް ކަމަށާއި ކުއްޖާ މަރާލިކަމަށް އެއްބަސް ކުރުވާފައި ވަނީ ބިރުދައްކައިގެން ކަމަށެވެ.

ނަމަވެސް ކޯޓުން ބުނެފައި ވަނީ ޝަފާގަތަށް ބިރު ދައްކައިގެން ކުށަށް އެއްބަސް ކުރިވި ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ.

ޝަފާގަތު ދަންޖައްސައި މިއަދު މަރާލާފައި ވަނީ އޭނާގެ މައްސަލަ އިންޓަނޭޝަނަލް ހިއުމަން ރައިޓްސް ގްރޫޕަށް ވެސް ހުށަހަޅާފައިވަނިކޮށެވެ.

ޕާކިސްތާނުގެ ކަރާޗީގެ ޖަލެއްގައި މިއަދު ހެނދުނު ޝަފާގަތު ދަންޖައްސައި މަރާލާފައިވާ އިރު ރޭ އިރާކޮޅުގެ ވަގުތެއްގައި އޭނާގެ އާއިލާ އާއި ބައްދަލު ކުރުމުގެ ފުރުސަތު ދީފައިވެ އެވެ.

ޝަފާގަތު މަރާލާފައި އެ ވަނީ މި އަހަރުގެ ތެރޭގައި ހަތަރު ވަނަ ފަހަރަށް ދަން ޖެއްސުމަށް ތާވަލުކޮށް ފަސްކުރުމަށް ފަހު އެވެ.

ޝަފާގަތުގެ މަރުގެ ހުކުމް އިއްވި ހިސާބުން ވެސް ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލާފަ އެވެ. އަދި އެއީ ކުޑަކުދިންނަށް ދެވޭ އަނިޔާއެއް ކަމަށް ގިނަ ބަޔަކު ބުނަމުން ދިޔަ އެވެ.

އެންމެ ގިނައިން ދަން ޖައްސައިގެން މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ރެކޯޑު ޕާކިސްތާނުގައި އޮތް އިރު މިހާރު ވެސް މަރުގެ ހުކުމް އިއްވާ ދަންޖެއްސުމުގެ ލިސްޓުގައި ތިބި 8000 މީހުން ޕާކިސްތާނުގައި ތިބި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މިއަހަރުގެ މިހާތަނަށް ވެސް ޕާކިސްތާނުގައި 200 މީހުން ދަން ޖައްސާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.