ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އެމެރިކާއިން އަޅާ އެންމެ މުހިއްމުު ފިޔަވަޅުތައް ހިމެނެ "ކްލީން ޕަވާ ޕްލޭން" އެ ގައުމުގެ ރައީސް ބަރަކް އޮބާމާ ހާމަކުރައްވައިފި އެވެ.

އޮބާމާ ވިދާޅުވީ، އަލަށް މުތޯލިއާކޮށް އެކުލަވައިލެވުނު ކްލީން ޕަވަ ޕްލޭނަކީ ދުނިޔޭގެ މުސްތަގުބަލަށްޓަކައި ކޮށްދެވޭނޭ އެންމެ ބޮޑު އެންމެ މުހިންމު ކަންތައް ކަމަށެވެ. އެގޮތުން ކަމެއްގެ މުހިއްމުކަން އެނގި ތިބެމެ އެކަން ނުކޮށް ފަހުން "ތަންކޮޅެއް ފަސްވީ"އޭ ބުނަން ބޭނުންފުޅު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމެރިކާގައި އަލަަށް އެކުލަވައިލި ކްލީން ޕަވަރ ޕްލޭންގެ އަމާޒަކީ 15 އަހަރު ދުވަހުގެ ތެރޭގައި އެ ގައުމުގެ ހަކަތަ އުފެއްދުމަށް ބޭނުންކުރާ "ޕަވާ ސްޓޭޝަން"ތަކުން ބޭރުކުރާ ގްރީން ހައުސް ގޭސް ތިންގުނައަށް މަދުކުރުމެވެ. އެގޮތުން އިރުގެ އަލިންނާއި ވައި ފަދަ ވަސީލަތްތަކުން އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ހާއްސަ ސަމާލުކަމެއް ދެވިގެން ދާނެ އެވެ.

އޮބާމާގެ މި ޕްލޭނަށް އެ ގައުމުގެ ހަކަތަ އުފައްދާ ސިނާއަތުގައި މަސައްކަތްކުރާ ފާރާތްތަކުން މިހާރު ވެސް ވަނީ ފާޅުގައި ދެކޮޅުހަދަން ފަށައިފަ އެވެ. އެގޮތުން އެމެރިކާގައި އުފައްދާ ހަކައިތައިގެ ތިންބައިކުޅަ އެއް ބަޔަކީ ބޯޓުދެލި އަންދައިގެން އުފައްދާ ހަކަތަ ކަމަށްވާ އިރު، އެފަރާތްތަކުން ބުނެފައި ވަނީ، އޮބާމާ މިހާރު އެވަނީ "ކޯލް" އިން ހަކަތައުފައްދާ ފަރާތްތަކާ ދެކޮޅު ހަނގުރާމައެއް އިއުލާނުކުރައްވާފައި ކަމަށެވެ.

އަލަށް އެކުލަވައިލި ޕްލޭންގައިވާ ގޮތުން 2005 ވަނަ އަހަރާ އަޅައިބަލާ އިރު އެމެރިކާގައި އުފައްދާ ހަކަތައިން ބޭރުވާ ކާބަންގެ މިންވަރު 2030 ވަނަ އަހަރާ ހަމައަށް 32 އިންސައްތަ ދަށް ކުރެވޭނެ އެވެ.

"އަހަރެމެންނަނީ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ނުރައްކާތައް އެންމެ ފުރަތަމަ އިހްސާސް ކުރާން ޖެހޭ ޖީލް. އަދި ހަމަ އެހެންމެ އެކަމާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅައި ކަންތައްތަކެއް ކޮށްދެވޭނެ އެންމެ ފަހު ޖީލުވެސްމެ،" އަލަށް އެކުލަވައިލެވުނު ޕްލޭނަކީ މަގުތަކުން 166 މިލިއަން ކާރު ނެގުމާ އެއްވަރުގެ ފައިދާތަކެއް ތިމާވެއްޓަށް ލިބިގެން ދާނޭފަދަ ފިޔަޅުތަކެއް ކަން ފާހަގަކުރައްވަމުން އަރައީސް އޮބާމާ ވިދާޅުވި އެވެ.

އޮބާމާ ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ތެދުވުމަކީ މިހާރު ކޮންމެހެން ކުރުން ލާޒިމުވެފައިވާ ކަމެއް ކަމަށެވެ. އެގޮތުން އޭނާގެ އެ ޕްލޭން އިދިކޮޅު ފަރާތްތަކުގެ ފިއްތުންތަކާއި ބިރުދެއްކުމުގެ ސަބަބުން ހުއްޓައި ނުލައްވާނޭ ކަމަށް ވެސް ވިދާޅުވި އެވެ.

ކޯލް ބޭނުންކޮށްގެން ހަކަތަ އުފައްދާ ފަރާތްތަކާ ދެކޮޅަށް އެކުލަވާލާފައިވާ ޕްލޭނެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ގިނަ ބައެއްގެ ވަޒީފާ ގެއްލިދާނޭކަމުގެ ބިރު އޮތްކަމަށް ބުނެ ދައްކާ ވާހަކަތަކަށް ރައްދު ދެއްވައި އޮބާމާ ވިދާޅުވީ، "ކޯލް ކަންޓްރީ"ގެ ގޮތުގައި މަޝްހޫރުވެފައިވާ އެމެރިކާއަށް ބޭނުންވާ ވަޒީފާތައް އުފެއްދުމަށް އެހެނިހެން ދާއިރާތަކުން އިންވެސްޓުކުރައްވާނޭ ކަމަށެވެ.

"އަހަރެމެން މިއަދު މިކަން ނުކޮށްފިއްޔާ ދެން އެއްވެސް މީހަކު މިކަން ނުކުރާނެ. އެމެރިކާ ދާނީ އަބަދުވެސް ކުރިއަށް.... މިއީ މި ޕްލޭނަކީ. މިއީ އަހަރެމެންނަށް ހެޔޮގޮތެއް ލިބި އަދި އަހަރެމެންގެ ދަރީންނަށް ޓަކައި ވެސް ރަނގަޅުކަމެއް ކުރާން އޮތް ވަގުތު،" އޮބާމާ ވިދާޅުވި އެވެ.