ދަވްޙާ (އޮގަސްޓް 4) : ޔަމަނާއި ސޫރިޔާއާ އަދި ލީބިޔާގައި ހިނގަމުންދާ ދާޚިލީ ހަނަގުރާމަތަކަށް ޙައްލެއް ހޯދުމާބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ޓަކައި އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީއާއި ސައޫދީ ޚާރިޖީ ވަޒީރު އާދިލްއަލްޖުބައިރު އާއި ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް ގަތަރުގެ ވެރިރަށް ދަވްޙާގައި ބައްދަލުކުރައްވައިފި އެވެ.

މިތިންގައުމަކީ ޔަމަނާއި ސޫރިޔާއާ އަދި ލީބިޔާގައި ހިނގަމުންދާ ދާޚިލީ ހަނަގުރާމަތަކުގައި ބައިވެރިވާ ފަރާތްތަކަށް އެކިގޮތްގޮތުން އެހީތެރިވެ މެދުއިރުމަތީގެ ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށްވަދެ ނުފޫޒު ހިންގަމުން ގެންދާ ތިންގައުމެވެ. ޔަމަނަށްބަލާއިރު ސައޫދީ އަރަބިޔާއަކީ އެގައުމުގެ މަސްލަޙަތު ޙިމާޔަތް ކުރުމަށްޓަކައި ޔަމަންގެ ސަރުކާރާ ގުޅިގެން ޔަމަންގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް އަސްކަރީ ގޮތުން ވަދެގެންފައިވާ ގައުމެކެވެ. އެމެރިކާއަކީ މިކަމުގައި ސައޫދީ އަށް ޖާސޫސީ އަދި ޓެކްނިކަލްގޮތުން އެހީތެރިވާ ގައުމެކެވެ.

ސޫރިޔާއަށް ބަލާއިރު ރައީސް ބައްޝާރުލްއަސަދުގެ ވެރިކަމުގެ ނިޒާމު ދެމެހެއްޓުމަށް އަސްކަރީ ގޮތުންނާއި ސިޔާސީގޮތުން އެހީތެރިވާ މައިގަނޑު ގައުމަކީ ރަޝިޔާ އެވެ. އެމެރިކާއާއި ސައޫދީ އަރަބިޔާއަކީ ބައްޝާރުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކަށް ހަތިޔާރާއި ތަމްރީނާއި ފައިސާ ފޯރުކޮށްދޭ މައިގަނޑު ދެގައުމެވެ.

ލީބިޔާގެ ދާޚިލީ ހަނގުރާމައިގެ އެއްފަރާތްކަމަށްވާ ޖެނެރަލް ޚަލީފާ ހަފްތަރުގެ ޖަމާއަތަށް އެހީތެރިވާ އެއްފަރާތަކީ ވެސް ސައޫދީ އަރަބިޔާ އެވެ. މިގައުމުތަކުގެ އަމިއްލަ މަސްލަހަތާ ގުޅިގެން ޔަމަނާއި ސޫރިޔާއާ އަދި ލީބިޔާގައި ހަނގުރާމަ ހިނގަމުންދާއިރު މަރުވެ ފަނާވަމުންދަނީ ހަނގުރާމަ ހިނގާ ތިންގައުމުގެ ރައްޔިތުންނެވެ. މި ގައުމުތަކުގެ ތެރޭން ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ އީރާން ވެސް ނުސީދާކޮށް ބައިވެރިވެއެވެ. ނަމަވެސް ގަތަރުގެ ބައްދަލުވުމުގައި އީރާން ބައިވެރިވެފައެއް ނުވެ އެވެ.

ގަތަރުގައި ބޭއްވި ބައްދަލުކުރެއްވުމަށް ފަހު މިތިން ގައުމުގެ ޚާރިޖީ ވަޒީރުންވަނީ އެކި ބޭފުޅުން އެކިގޮތަށް ވާހަކަ ދައްކަވާފަ އެވެ. ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް ވިދާޅުވީ ގަލްފާއި މެދުއިރުމައްޗަށް ވެސް މިވަގުތު އޮތް އެންމެ ބޮޑު ބިރަކީ އައިއެސް ޖަމާއަތް ކަމުގަ އެވެ. ލާވްރޯވް ވިދާޅުވީ ސަރަހައްދުގެ ދޭދޭ ގައުމުތަކުގެ މެދުގައި އަރާރުންތައް އިތުރުވަމުންދާ ނަމަ އެކަމުގެ ނާޖާއިޒު ފައިދާ އައިއެސްއިން ނަގާނެ ކަމުގައެވެ. އެމެރިކާގެ ޚާރިޖީ ވަޒީރުވަނީ ސަރަހައްދީ އަރާރުންތައް ހައްލުކުރުމުގެ ވަގުތު އަތުވެއްޖެކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. ސައޫދީ ޚާރިޖީ ވަޒީރުވެސް ވަނީ މިމޭރުމުން ވާހަކަ ދައްކަވާފަ އެވެ. (ނޫސްއެޖެންސީތައް)