ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ތިއްބެވި ފަސް ބޭފުޅެއްގެ މަގާމުގެ މުއްދަތު ހަމަވާތީ، އެ ބޭފުޅުންގެ ބަދަލުގައި އެ ބޯޑަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނަންފުޅުތައް ދިރާސާ ކުރުމަށް މަޖިލީހުގެ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.

އެ ބޭފުޅުންގެ ނަންފުޅުތައް ދިރާސާ ކުރުމަށް ފޮނުވީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށެވެ.

އެ ބޭފުޅުންނަކީ، ލ. މާވަށު، އަސްރަފީ ހިޔާ، އަހުމަދު ފާއިޒު މުހައްމަދާއި ކުދިމާގެ، ގދ. ތިނަދޫ ހަސަން ވަހީދާއި ހެންވޭރު ނީލްވިލާ، ލީނާ މުހައްމަދު ޒާހިރު ހުސައިނާއި ހ. އީސްޓްވާޑް، އާއިޝަތު އަޝާ އަލީ އާއި ގއ. ދާންދޫ، ސީޝެލްގެ، ފަސީހް ޒާހިރު އާއި ސ. މަރަދޫ، ޒެފެއާ، ފާތިމަތު ފަރްހީޒާ އެވެ.

ރައީސް އޮފީހުން ބުނީ އެ ބޯޑަށް މެންބަރުން އައްޔަންކުރެއްވުމަށް ޓަކައި، މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ މިދިޔަ މަހުގެ 16 އިން ފެށިގެން 22 ވަނަ ދުވަހުގެ ނިޔަލަށެވެ.

މީރާގެ ބޯޑުގައި މިހާރު ތިއްބަވަނީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހަންމަދާއި ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރާއި ޗެއާޕާސަން އަހުމަދު މުހައްމަދާއި ޑެޕިއުޓީ ޗެއާޕާސަން ހަސަން ވަހީދާއި ޑިރެކްޓަރު އައިޝަތު ލޫލާ ހަސަނާއި ޑިރެކްޓަރު ހުސެއިން ސިރާޖް އަދި ޑިރެކްޓަރު އަހުމަދު ފާއިޒެވެ.