04 Aug 2015, 01:13
އެމްޑީޕީގެ ހަރުގޭގައި މިރޭ ކުރިއަށް ގެންދިޔަ ޖަލްސާ ސަންގު ޓީވީން ލައިވްކުރަން ހުރަސް އެޅުމުގެ ގޮތުން، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޕޯސްޓަރެއް ބަހައްޓައިފި އެވެ.
އެމްޑީޕީގެ ހަރުގޭގެ ޖަލްސާތައް ލައިވް ކުރުމުގެ އެކްސްކުލޫސިވް ރައިޓްސް އެމްޑީޕީން ދީފައި ވަނީ ރާއްޖެ ޓީވީއަށެވެ. ނަމަވެސް ސަންގު ޓީވީން ހަރުގޭގެ ޖަލްސާ މިރޭ ލައިވް ކުރަމުން ދަނިކޮށް، އެމްޑީޕީން ވަނީ ޖަލްސާ މެދުކަނޑާލައި ސަންގު ޓީވީގެ ކެމެރާމަނުންނާއި ނޫސްވެރިން ހަރުގެއިން ނެރެފަ އެވެ. އެ ނޫސްވެރިން ހަރުގެއިން ނެރުމަށްފަހު ހަރުގޭގެ ޖަލްސާ އަލުން ފެށި އެވެ. އަދި މަގުމަތީގައި ތިބި ސަންގުޓީވީގެ ނޫސްވެރިންގެ ގަޔަށް އެމްޑީޕީގެ އެކްޓިވިސްޓުން އަތްލައި ކޮއްޕާ ހެދިތަން އެތަނުގައި ތިބި ސަންގެ ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ. ނޫސްވެރިން ހަރުގެއިން ނެރުނު ވަގުތު ވެސް ސަންގު ޓީވީން ދިޔައީ އެ މަންޒަރުތައް ލައިވް ކުރަމުންނެވެ.

ސަންގު ޓީވީގެ ނޫސްވެރިނާއި އެމްޑީޕީގެ އެކްޓިވިސްޓުންނާ ދެމެދު ބަހުގެ ހަމަލާތަކެއް ރައްދު ކުރަނީ: ސަންގު ޓީވީގެ ނޫސްވެރިއެއްގެ ގަޔަށް އެމްޑިޕީގެ އެކްޓިވިސްޓަކު އަތްލައި ކޮއްޕާ ހެދި-- ސަން ފޮޓޯ
މަގުމަތީގައި ކެމެރާ ބަހައްޓައިގެން ސަންގު ޓީވީން ޖަލްސާ ލައިވް ކުރަން އުޅުމުން، އެމްޑީޕީގެ އެކްޓިވިސްޓުން ވަނީ ރައީސް ނަޝީދުގެ ޕޯސްޓަރެއް ކެމެރާގެ ކުރިމައްޗަށް ހުރަސްކޮށްފަ އެވެ. އެމްޑީޕީގެ އެކްޓިވިސްޓުން ބޭނުން ކުރި ނަޝީދުގެ ޕޯސްޓަރަކީ ނަޝީދު މިނިވަން ކުރުމަށް ގޮވާލައި އެ ޕާޓީން ބޭނުން ކުރާ "ފްރީ ޕްރެޒިޑެންޓް ނަޝީދު" ޖަހާފައިވާ ފޯސްޓަރެކެވެ. އެކި އޭންގަލްތަކުން ލައިވް ކުރަން އުޅުމުން އެމްޑީޕީގެ އެކްޓިވިސްޓުން ވަނީ އެކިއެކި ޕޯސްޓަރާއި ފިލާގަނޑު ބޭނުކޮށްގެން ސަންގު ޓީވީގެ ލައިވް ކަވަރޭޖަށް ހުރަސް އަޅާފަ އެވެ.
ސަންގު ޓީވީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވީ، ހަރުގޭގެ ޖަލްސާ ލައިވް ކުރުމުގެ ހަމަހަމަ ފުރުސަތު ހުރިހާ މީޑިއާތަކަށް ދިނުމަށް އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއަށް އަންގާފައިވާ ކަމަށެވެ. އަދި އެ އެންގުމާ އެއްގޮތަށް ސަންގުޓީވިއަށް ހަރުގޭގެ ޖަލްސާތައް ލައިވް ކުރެވޭނެ ކަމަށް އަސްވާޑު ވިދާޅުވި އެވެ.
"މިނިވަން 50 ފާހަގަ ކުރަމުންދާއިރު މި ފެނިގެންދަނީ ރާއްޖޭގެ މީޑިއާގެ މިނިވަންކަމަށް މަސައްކަތް ކުރި އެމްޑީޕީގެ ތިލަފަތް ވަކިކޮޅަކަށް ބުރަވެގެންދާތަން. އަޅުގަނޑުމެން އެދެނީ ހަމަހަމަ އުސޫލަކުން ހުޅުވާލެވިފައިވާ މާހައުލެއްގައި މި ޑިމޮކްރަޓިކް އުސޫލު އެމްޑީޕީން ޕްރެކްޓިސް ކުރުމަށް،" އަސްވާޑު ވިދާޅުވި އެވެ.

ހަރުގެ ޖަލްސާ ސަންގު ޓީވީން ލައިވް ކުރަން އުޅުމުން، ނަޝީދުގެ ޕޯސްޓަރެއް ކެމެރާ ކުރިމައްޗަށް ހުރަސްކޮށްފައި-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން (ސޮއްޕެ)
ހަރުގެ ޖަލްސާ ލައިވް ކުރުމުގެ ހުއްދަ ރާއްޖެ ޓީވީއަށް ދިނުމަކީ ބޭއިންސާފުން ކޮށްފައިވާ ކަމެއް ކަމަށް ވެސް އަސްވާޑު ވިދާޅުވި އެވެ. އެ ހުއްދަ ހަމައެކަނި ރާއްޖެ ޓީވީއަށް ދީފައި ވާތީ، އެކަމާ ގުޅޭ ގޮތުން އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒާ މަޝްވަރާ ކުރެއްވި ކަމަށް އަސްވާޑު ވިދާޅުވި އެވެ. މީޑިއާތަކަށް ހުޅުވާލުމެއް ނެތި ހަރުގެ ޖަލްސާ ލައިވްކުރުމުގެ އެކްސްކުލޫސިވް ރައިޓްސް ރާއްޖެޓީވީއަށް ދިނުމަކީ ގޯސްކޮށް ކުރެވުނު ކަމެއް ކަމަށް ނިޔާޒު އެއްބަސްވެ ވަޑައިގެންފައިވާ ކަމަށް ވެސް އަސްވާޑު ވިދާޅުވި އެވެ. ނަމަވެސް ދެން އެކަމުގައި ކުރެވޭނެ އިތުރު ކަމެއް ނެތް ކަމަށް ނިޔާޒު ވިދާޅުވި ކަމަށް އަސްވާޑު ވިދާޅުވި އެވެ.
ހަރުގޭގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު ރޮޒައިނާ އާދަމް ވިދާޅުވީ، ހަރުގޭގެ ޖަލްސާ ބާއްވާނެ ތަނާއި ހަރުގޭގެ ޖަލްސާ ލައިވް ކުރާނެ ބަޔަކު ކަނޑައަޅާނީ އެމްޑީޕީން ކަމަށެވެ. އަދި އެކަމާ އިލެކްޝަންސް ކޮމިޝަނުން ނުބެހެވޭނެ ކަމަށެވެ.
އަސްވާޑު ވިދާޅުވީ، ދައުލަތުގެ ބަޖެޓުން ފައިސާ ދީގެން ހިންގާ ޕާޓީއަކުން، ވަކި ބަޔަކަށް މަންފާވާ ގޮތަށް ފުރުސަތު ދެވިގެން ނުވާނެ ކަމަށެވެ. އެމްޑީޕީއަކީ އަމިއްލަ ކުންފުޏެއް އަދި އަމިއްލަ ޖަމިއްޔާއެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ ގިނަ ބަޔަކު ޝާމިލްވާ ސިޔާސީ ޕާޓީއަކަށް ވުމުން، ހަމަހަމަ ފުރުސަތު އޮންނަންޖެހޭނެ ކަމަށް އަސްވާޑު ވިދާޅުވި އެވެ.
ހަރުގެ ޖަލްސާ ލައިވް ކުރުމުގެ ހަމައެކަނި ހުއްދަ ރާއްޖެޓީވީއަށް ދީފައިވާތީ އެ މައްސަލަ ވަނީ ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅާފަ އެވެ.