އޭޝިއާ ބައްރުގެ ފުޓްބޯޅައިގެ މައި އިދާރާ އޭއެފްސީގެ ފުޓްސަލް އެންޑް ބީޗް ސޮކަރ ކޮމިޓީއަށް އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ބައްސާމް އަދީލް ޖަލީލް އައްޔަންކޮށްފިއެވެ.

އެފްއޭއެމުން ބުނީ ބައްސާމް އެކޮމިޓީއަށް އައްޔަން ކުރެވުނީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އޭއެފްސީގެ އެކި ކޮމިޓީތަކަށް މެންބަރުން އައްޔަން ކުރުމަށް ބޭއްވި ބައްދަލުވުމުގައި ކަމަށެވެ.

ކުރިއަށް އޮތް ހަތަރު އަހަރާއި ހަމަައަށް މިކޮމިޓީގެ މެންބަރެއްގެ ގޮތުގައި ބައްސާމް ދެމި ހުންނަވާނެއެވެ.

އެފްއޭއެމުން ވަނީ މީގެ ކުރިން އެ އިދާރާގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުޙައްމަދު ޝަވީދު އޭއެފްސީ މީޑީއާ އެންޑް ކޮމިޔުނިކޭޝަން ކޮމިޓީގެ ޑެޕިއުޓީ ޗެއާމަންކަމަށާއި އެކުވެރި އަރަބި އިމާރާތުގައި 2019 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ކަޕް އިންތިޒާމް ކޮމީޓީގެ މެންބަރުކަށް އައްޔަން ކޮށްފައިވާ ކަމަށްވެސް އިއުލާންކޮށްފައެވެ.

މީގެ އިތުރުން އަންހެން ފުޓްބޯޅަ ޓީމްގެ އެސިސްޓެންޓް ކޯޗް މަރްޔަމް މުޙައްމަދު (މާޔަން) އޭއެފްސީ ވިމެންސް ކޮމިޓީގެ މެންބަރުކަަމަށް ވަނީ އައްޔަންކޮށްފައެވެ. އަދި އޭއެފްސީ ޑިސްޕިލިނަރީ ކޮމިޓީގެ މެންބަރު ކަމަށް އެފްއޭއެމް ޑިސިޕްލިނަރީ ކޮމިޓީގެ މެންބަރު އަދި ރައްޔިތުން މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ ވަނީ އައްޔަންކޮށްފައެވެ.