އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ޓެނިސްގެ މިކްސްޑް ޑަބަލްސް އިވެންޓްގައި ޝީޝެލްސް ދެ ސެޓް އެއް ސެޓުން ބަލިކޮށް މުބާރާތުގެ ސެމީފައިނަލަށް ރާއްޖޭގެ މިކްސް ޑަބަލްސް ޓީމް ދަތުރުކޮށްފިއެވެ.

މިކްސް ޑަބްލްސް އިވެންޓްގައި ސީޝެލްސްގެ ޖަމާލް ނިބޫރެއްޓޭއާއި ކްލައިވީ ޑިޕްލެޗްއާ ވާދަކޮށް ރާއްޖޭގެ ހުސައިން ރަބީއު މުޙައްމަދާއި އާމިނަތު އިރުފާ މާހިރު މެޗު ކާމިޔާބު ކުރީ ދެ ސެޓް އެއް ސެޓުންނެވެ.

ފުރަތަމަ ސެޓް ސީޝެލްގެ ޕެއާ 6-3 ން ކާމިޔާބު ކުރިިއިރު ދެ ވަނަ ސެޓް ރާއްޖެއިން ކަމިޔާބު ކުރީ 6-3 ންނެވެ. އަދި ރާއްޖެ މެޗުން މޮޅުވި ސެޓް ފޯރިގަދަ ކުޅުމަކަށްފަހު ކާމިޔާބު ކުރީ 10-8 ންނެވެ.

ސެމީ ފައިނަލް މެޗްގައި ރާއްޖޭގެ ޓީމް ނިކުންނާނީ މަޑަގަސްކަރަ ޓީމާ ދެކޮޅަށެވެ.

ރާއްޖޭގެ އަލީ ފާރިސް ވަނީ މެން ސިންގަލްސް އިވެންޓްގައި ސީޝެލްސްގެ ޓެނިސް ކުޅުންތެރިޔާ ސްޓޭފަން ރާމިއަން ސީދާ ދެސެޓުން ބަލިކޮށް މުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފައެވެ. ފާރިސް ފުރަތަމަ ސެޓް 6-4 ން ކާމިޔަބު ކުރިއިރު ދެ ވަނަ ސެޓް އޭނާ ކާމިޔާބު ކުރީ 6-3 ން ނެވެ.

ސެމީފައިނަލްގައި ފާރިސް ނިކުންނާނީ މަޑަގަސްރައިގެ ކުޅުންތެރިޔަކާ ދެކޮޅަށެވެ. ސެމީ ފައިނަލްގެ އެމެޗްވެސް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.