އޮންލައިންކޮށް އެއްޗިހި ވިއްކާ ވެބްސައިޓް "ޔެޕްމީ" އިން ބޮލީވުޑް "ބާދްޝާ" ޝާހްރުކްހާންގެ ފޭނުންނަށް އޭނާ އާއި ގާތްވުމުގެ ފުރުސަތުލިބޭ ކެމްޕެއިނެއް ފަށައިފިއެވެ.

އެ ކެމްޕެއިން ފެށީ މިދިޔަ ބުދަ ދުވަހުއެވެ.

މި ކެމްޕެއިނުން ހޮވޭ ޝާހްރުކްހާންގެ އެންމެ ބޮޑު 100 ފޭނުން، އެމީހުން ސޯޝަލް މީޑީއާ ތަކުގައި ބޭނުން ކުރާ ޕްރޮފައިލް ފޮޓޯތައް ޝާހްރުކްހާންގެ ދެން އެންމެ އަވަހަށް ނިކުންނަން އޮތް ފިލްމު، "ފޭން" ގެ ލޯގޯގައި ބޭނުންކުރެވިގެން ދާނެއެވެ. އަދި "ފޭން"ގެ ވީޑިއޯ ތަކާއި ޕްރޮމޯޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން ހޮވައިލެވޭ ނަސީބުވެރި ފަރާތްތަކަކަށް ޝާހްރުކްހާނާއި ބައްދަލު ކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.

"މި މުބާރާތް ރާވާފައިވަނީ އަހަރެމެންގެ ކަސްޓަމަރުން އެކި ކަންކަމުގައި ބައިވެރިކޮށް ގުޅުން ރަނގަޅު ކުރަން. މިކަން ކުރަން އެމީހުން ޝާހްރުކްހާން ދެކެ ވާ ލޯބީގެ ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުންހާ ރަނގަޅު ކަމެއް އެބަ އޮތް ތޯ،" ޔެޕްމީ ގެ ސީއީއޯ ވިވެކް ގައުރް ބުންޏެވެ.

ޔޫތު ފިލްމްސް، ބްރޭންޑް ޕާޓްނާޝިޕްސް، އަދި ޓެލެންޓް މެނޭޖްމަންޓުގެ ވިޔަފާރި އަދި ކްރިއޭޓިވް ހެޑް އަދި ނައިބު ރައީސް، އަޝިޝް ޕަޓިލް ވިދާޅުވީ "ފޭން" ވާނީ ޔާޝް ރާާޖް ފިލްމްސް ގެ އެންމެ ޝައުގުވެރި އެއް އުފެއްދުމަށް ކަމަށާއި ޝާހްރުކްހާނުގެ އެންމެ މޮޅު އެއް ހުށަހެޅުމަށް ކަމަށެވެ.

"އަހަރެން އަބަދުވެސް ގަބޫލުކުރަނީ އެކްޓަރުންނާއި ތަރިންނާއި ފިލްމުތައް ސުޕަސްޓާރުންނަށް ހަދަނީ ފޭނުންނެވެ. މި ސަބަބާ ހެދި ޔެޕްމީ އާއި ގުޅިގެން މުޅި ދުނިޔޭގެ އެތަންމިތާ އުޅޭ ޝާހްރުކްހާނުގެ އެތައް މިލިއަން ފޭނުންނެއް ދައްކައިލުން އެއީ އަހަރުމެން ވަރަށް އުފާވާ ކަމެއް،" އަޝިޝް ބުންޏެވެ.

މަނީޝް ޝަރުމާ ޑައިރެކްޓުކޮށް ޔާޝް ރާޖް ފިލްމްސް އިން ޕްރޮޑިއުސްކުރާ މި ފިލްމު ރިލީޒް ކުރުމަށް ކަނޑައަޅާފައިވާ ތާރީހަކީ 15 އޭޕްރީލް 2016 އެވެ.