04 Aug 2015, 08:34
ޗައިނާގެ ވެރިރަށް ބެއިންޖިންގެ އާންމު ފާހާނާއެއްގެ ތެރެއަށް ވިހެއުމަށްފަހު ފާހާނާ ތަށި ތެރެއަށް ދޫކޮށްލާފައިދިޔަ ތުއްތު އަންހެން ކުއްޖަކު ދިރިހުއްޓައި ސަލާމަތްކޮށްފި އެވެ.
ބެއިޖިންގެ ޒީޗެންގް ޑިސްޓްރިކްޓުގެ އާންމު ފާހާނާއެއްގެ ތެރެއަށް މިދިޔަ އާދީއްތަ ދުވަހު ވިހެއި އެ ތުއްތުކުއްޖާ ފާހާނާތަށި ތެރެއިން ސަލާމަތްކުރީ ފާހާނާ ތެރެއިން ކުއްޖަކު ރޯއަޑު އިވޭ ކަމަށް ބުނެ، ބަޔަކު ފުލުހުންނަށް ރިޕޯޓް ކުރުމުންނެވެ.
ފާހާނާތަށި ތެރޭގައި އެކޮޅުކޮޅުން ތާށިވެފައި އޮތް އެ ތުއްތު ކުއްޖާ ސަލާމަތްކުރުމަށްފަހު ގެންގޮސްފައިވަނީ ބެއިޖިންގް ހޮސްޕިޓަލަށެވެ. އަދި ފާހާނާތަށި ތެރެއިން ނެގިއިރު، ކުއްޖާއަށް އަނިޔާއެއް ލިބިފައިވާކަން ފާހަގަކުރެވިފައިނުވާ ކަމަށް ބެއިޖިންގުގެ ފުލުހުން މައުލޫމާތުދެއެވެ.
"ފާހާނާތަށި ތެރޭގައި ތުއްތު ކުއްޖާ އޮތީ އެކޮޅުކޮޅުން. އަހަންނަށް އެކުއްޖާ ފައިވެސް ފެނުނީ ކިރިޔާ،" ތުއްތު ކުއްޖާ ސަލާމަތްކުރި ޕޮލިސް އޮފިސަރު ގިއަން ފެންގު ބުންޏެވެ.
ބެއިޖިންގުގެ ފުލުހުން މިހާރު ދަނީ، އެ ކުއްޖާ ވިހެއި މަންމަ ހޯދުމުގެ މަސައްކަތްކުރަމުންނެވެ.
އެއް ކުއްޖަކަށްވުރެއް ގިނައިން ކުދިން ހޯދާ ދެމަފިރިން ބޮޑު އަދަދުން ޖޫރިމަނާކުރާ ވަން ޗައިލްޑް ޕޮލިސީއެއް އޮންނަ ޗައިނާގައި ކައިވެނީގެ ބޭރުން ލިބޭ ކުދިން ގިނަ ފަހަރަށް ދޫކޮށްލަނީ، ފައިސާއާއި މުޖުތަމައުގެ ޕްރެޝަރުން ސަލާމަތްވުމަށެވެ.
މިދިޔަ އަހަރު އެކަނިވެސް ބޭނުން ނުވެގެން ދޫކޮށްލާފައި ނުވަތަ އެއްލާލާފައި އޮއްވާ ގާތްގަނޑަކަށް 10،000 ކުދީން ސަލާމަތްކޮށްފައިވާ ކަމަށް ރޮއިޓާސް އިން ބުނެއެވެ.