މިނިވަން 50 ގެ ހަރަދު ތަކުގެ ތަފްސީލް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ފިނޭންސް މިނިސްޓަރާއި ސުވާލު ކުރުމަށް ހުށައަޅައިފިއެވެ.

އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް، މަޖިލީހަށް ހުށަހަޅާފައިވާ "ވަޒީރުންނާއި ސުވާލު ކުރުމުގެ ނޯޓިސް" ގައި ބުނެފައިވަނީ މިނިވަން 50 ފާހަގަ ކުރަން ދައުލަތުގެ ބަޖެޓުން ކުރި ހަރަދާއި އެހަރަދު ތަކުގެ ތަފްސީ ހޯދުމަށެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން މެމްބަރަކު ވަޒީރަކާ ސުވާލު ކުރެއްވުމަށް އެދުމުން އެސުވާލަކަށް ޖަވާބް ދެއްވުމަށް އެ ވަޒީރަކަށް 14 ދުވަހުގެ ނޯޓިސް އެއް މަޖިލީހުން ދޭންޖެހެއެވެ.

މިނިވަން 50ގެ ހަރަދާ ގުޅޭގޮތުން ސަންއިން ފިނޭންސް މިނިސްޓަރާ ސުވާލުކުުމުން މިނިސްޓަރު ޖިހާދު ވިދާޅުވީ، މިނިވަން 50ގެ ހަރަކާތްތަކަށް ސަރުކާރުން ކަނޑައެޅި ބަޖެޓަކީ 150 މިލިއަން ރުފިޔާ ކަމަށާއި ކަނޑައެޅި ބަޖެޓަށް ވުރެ އިތުރަށް ޚަރަދުކޮށްފައި ނުވާނެ ކަމަށެވެ.

މިނިވަން 50ގެ ހަރަކާތްތަކަށް ޚަރަދުކުރުމުގައި ކޮރަޕްޝަނުގެ އެއްވެސް ކަމެއް ހިނގާތޯ ބެލުމަށް އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކޮންމެ ދުވަހަކު މިނިވަން 50ގެ އޮފީހުގައި ހަރަކާތްތެރިވެ އެވެ. މިނިވަން 50 އާ ގުޅިގެން ހިންގި ބައެއް ޕްރޮޖެކްޓްތައް ވަނީ ބިޑް ކުރުމެއް ނެތި ބައެއް ކުންފުނިތަކާ ހަވާލުކޮށްފަ އެވެ. އެހެންނަމަވެސް އެގޮތަށް ހަވާލުކޮށްފައި ވަނީ ފިނޭންސް މިނިސްޓްރީގެ ޚާއްސަ ހުއްދައެއްގެ ދަށުންނެވެ.